ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 10:45
މަޖިލިސް ހުޅުވުން،
މަޖިލިސް ހުޅުވުން،
ރާއްޖެއެމްވީ
ރިޔާސީ ބަޔާން 2025
މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުން، އެމްޑީޕީން މަޖިލިސް ކުރާ ގެ ކައިރީގައި އިހުތިޖާޖުކުރަން ފަށައިފި
އިދިކޮޅު ބައިވެރިން ދަނީ ރައީސް މުއިއްޒުގެ އިތިއުފާއަށް ގޮވާލަމުން

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ކުރާ ގޭކައިރީގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

މިއަދަކީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވާ ދުވަހެވެ.

ބުރާސްފަތި ދުވަހުގެ އެޖެންޑާގައި މައިގަނޑު ކަމަކަށް ހިމެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

އެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ކުރިން ފޮނުވާފައިވާއިރު އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.

ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާ މިއަދު ހެނދުނު މިހާރު ފެށިގެން ކުރިއަށް ދާއިރު، ވީހާވެސް ގިނަ ރައްޔިތުން މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ބުދަ ދުވަހު ވަނީ ގޮވާލައިފައެވެ.

އެމްޑީޕީ މިގޮތަށް ގޮވާލީ އެ ޕާޓީގެ މައި އޮފީހުގައި ބުދަ ދުވަހު ކުރިއަށް ދިއަ އެ ޕާޓީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ މި ބައްދަލުވުމުގައި މި ސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުތަކެއް ގެނެސް މެމްބަރުންގެ ބާރު ކަނޑުވާލާ، މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން ވަނީ މަޖިލިސް މެމްބަރުންގެ ބާރު ކެނޑޭ ގޮތައް ސަރުކާރުން ހުށަހަޅައިގެން ގެނެސްފައިވާ ބަދަލު ބާތިލު ކޮށް ކުރިން އޮތް ގޮތައް ގާނޫނު އަސާސީ ރުޖޫއަ ކުރުމަށް ވެސް ގޮވާލާފައެވެ.

ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާތީ އެމްޑީޕީ އިން ވަނީ އެއްވުންތަކާއި އިހްތިޖާޖުތައް އެކަމާ ދެކޮޅަށް ބާއްވާފައެވެ. އެ ޕާޓީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ދުވަހު މަޖިލިސް އިމާރާތުގެ ކައިރީގައި އިހްތިޖާޖު ކޮށް އަޑު އުފުލާނެ ކަމަށެވެ.

ގާނޫނު އަސާސީ އަށް ގެނައި ނޭދެވޭ ބަދަލުތައް އިސްލާހު ކުރަންދެން ސިލްސިލާ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފައެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު އެމްޑީޕީން މަޖިލިސް ކައިރިއަށް އެއްވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ކަށަވަރުކުރުމަށާ، ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން ކަމަށް އެ ޕާޓީން ބުނެއެވެ.

- ކޮމެންޓް