މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށް 26 ޖޫން 2022 ގައި އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 15 ނޮވެމްބަރު 2023 ގައި އިއުލާނު ކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ މުއިއްޒުގެ ސަރުކާރުން އެ ލިސްޓު އަލުން އެކުލަވާލުމަށް ސަރުކާރަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީ ތަކަކީ އެއްވެސް ބޭނުންތެރި މަސައްކަތެއް ކުރި ކޮމިޓީތަކެއް ނޫން ކަމަށް ހާމަ ވެއްޖެއެވެ.
އާރުޓީއައި ގެ ދަށުން ހައުސިންގ މިނިސްޓްރީން ފޯރުކޮށްދިން މައުލޫމާތުން މިކަން ހާމަވެފައިވާ އިރު، ހައުސިން މިނިސްޓްރީން ބުނީ "ހައުސިންގ އެޑްވައިޒަރީ ކޮމިޓީގެ ފަރާތުން ގޯސް ކަމަށް ނުވަތަ ޝަރުތު ހަމަ ނުވާކަން ކަނޑައަޅާ ތަފާސްހިސާބު ތަކެއް އެކުލަވާލާފައި ނުވާ؛" ކަމަށެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު މަހު 16 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭސީސީން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ހައުސިނގ އެޑްވައިޒަރީ ކޮމިޓީއާއި ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން، އެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖާކުރުމުގެ އެންމެހައި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން މިހެން ބުނެފައިވާއިރު ހަމަ އެ މިނިސްޓްރީން މި ހިނގާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ބުނެފައިވަނީ ހައުސިންގ އެޑްވައިޒަރީ ކޮމިޓީ ގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނެ މީހަކު ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.
ސަރުކާރަށް ލަފާ ދިނުމަށް އުފެއްދި މާލޭ ސިޓީ ކައުންސިލްގެ ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީ އިން އެކުލަވާލި ރިޕޯޓަށް ވެސް ސަރުކާރުން އިހްތިރާމް ކޮށްފައެއް ނުވެއެވެ.
މާލޭ ސިޓީ ކައުންސިލުން ފާސް ކޮށް މި ދިޔަ އަހަރުގެ ޖުލައި މަހު ހައުސިންގ މިނިސްޓްރީ އަށް ފޮނުވި އެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއްވެސް މައްސަލަ އެއް ނެތް ކަމަށް ފާހަގަ ކުރެވޭ ފަރާތްތަކަށް ފްލެޓް ދިނުން އަވަސް ކުރުމަށާއި، އަދި އެއްވެސް ފަރާތެއް ލިސްޓުން އުނި ކުރާނަމަ، އެ ފަރާތެއް އުނިވި ސަބަބު ސާފުކޮށް ބުނެދޭން ޖެހޭ ގޮތައް ރެކޮމެންޑޭޝަންގައި ހިމަނަން ފެންނަ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ނެރޭނެ ކަމަށް ބުނެ, ފަހުން ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް ބުނުމަށްފަހު، އެ ލިސްޓު ނެރުން ވަކި މުއްދަތެއް ނެތް ގޮތައް އޮތީ ފަސްކޮށްފައެވެ.
މި ދިޔަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ރައީސް މުއިއްޒު ހުވަދު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ، ރޯދައިގެ ކުރިން ފްލެޓް ލިބޭ މީހުންގެ ލިސްޓު ސަރުކާރުން ނެރޭނެ ކަމަށެވެ.
ރައީސް މިހެން ވިދާޅުވެފައިވަނިކޮށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އުވާލުމަށްފަހު އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށަށް އެ މިނިސްޓްރީގެ ޕޯޓްފޯލިއޯ ބަދަލުކުރިފަހުން ޖެނުއަރީ 14 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ކުރީ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން ވެރިފައިކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފްލެޓް ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުނުލައްވާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހުގައެވެ.