ސިފައިންގެ މީހަކު އެހެން ސިފައިން ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމަށް ރާއްޖެއެމްވީ މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑި ޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ އެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.
މި ނޫހަށް މައުލޫމާތު ދިން މީހާ ކިޔާދިން ގޮތުގައި ސިފައިންގެ ޔުނިޓް އެމްޑީޔޫ-3ގެ ސިފައިންގެ މީހަކަށް ސިފައިންގޭގައި މަސައްކަތް ކުރާ އިތުރު ބަޔަކު ބުލީކުރުމާއި ގުޅިގެން، ރުޅި އައިސްގެން އޭނާ ވަނީ އޭނާގެ އަތުގައި އޮތް ބަޑި ނަގާ އެހެން މީހުންގެ ގަޔަށް ބަޑި ޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެވަގުތު އޭނާ ހިފަހައްޓައިގެން ހުރި ހަތިޔާރަކީ ލޯޑްކޮށްފައިވާ ބަޑިއެއް ކަމަށާއި، މި އަމަލު ހިނގުމާއި އެކު ބަޑި ހިފަހައްޓައިގެން ހުރެ އިންޒާރު ދިން ސިފައިންގެ މީހާ ހިފަހައްޓާފައިވާ ކަމަށް ވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހާ ވަނީ ކިޔާދީފައެވެ. އަދި އޭނާ ސަސްޕެންޑްކުރި ކަމަށް ވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީ އިން އެމްއެންޑީއެފްގެ މީޑިއާ އާއި ސުވާލުކުރުމުން ކާނަލް އަލިމަނިކު (ދާރީ) ވިދާޅުވީ އެފަދަ މައްސަލަ އެއްގައި މީހަކު ސަސްޕެންޑްކޮށްފައި ނުވާ ކަމަށެވެ. އަލިމަނިކު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި ވެސް ނުވާ ކަމަށެވެ.
އެހެންނަމަވެސް ރާއްޖެ އެމްވީ އަށް އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑި ޖަހާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ، އޭނާ މަސައްކަތް ކުރަމުންދާ އެމްޑީޔޫ-3ގެ އިތުރުން އެމްއެންޑީއެފްގެ ކަމާއި ގުޅުން ހުރި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވަނީ އައިސްފައެވެ.
ކޮމާންޑަރ ދާނީ ޕީއެސް އާއި ހަމައަށް. ޕީއެސް ދާނީ އެސްއެލް އާއި ހަމައަށް. އެސްއެލް ވާހަކަ ދައްކާނީ. އެ މީހާ (އެސްއެލް) އާޢި ހިސާބުން އޭތި ސިއްރުކޮށްފަ. އެމްޑީޔޫ 3 އަށް އެނގޭނެ އެކަން. ޔުނިޓުން ބޭރެއް ނުވާނެ.ރާއްޖެ އެމްވީ އަށް މައުލޫމާތުދިން މީހާ
ރާއްޖެ އެމްވީ އަށް މި މައުލޫމާތު ކިޔާދިން މީހާ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ސިފައިންގެ މީހާގެ ފޮޓޯ އާއި ވަނަވަރު ހިއްސާކޮށްފައިވާތީ އެ ފޮޓޯ އާއި ވަނަވަރު ހިއްސާކުރުމަށް ފަހު ރާއްޖެ އެމްވީން ވާނީ އޭނާ ސަސްޕެންޝަންގައި ހުރިތޯ ސުވާލުކޮށްފައެވެ. އަދި އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ސާފުކުރުމަށް ރާއްޖެއެމްވީން ވަނީ ޓެކްސްޓް މެސެޖަކުން އޭނާ އާއި ސުވާލުކޮށްފައެވެ.
ޖަވާބުގައި އަލިމަނިކު ބުނެފައި ވަނީ "ކުރެވިފައިވާ ސުވާލުގަ ބަޔާން ކުރެވިފައިވާ ގޮތަށް ކަމެއް ނުހިނގާ" މިފަދައިންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ސަސްޕެންޝްގައި ނެތްކަން އޭނާ ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދެއްވާފައެވެ.