ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 12:29
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގެ ތެރެއިން
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ޓެކްނޯލޮޖީގެ ސިނާއަތް ކުރިއެރުވުން
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް ގާއިމްކުރާނެ
އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރާނެ
ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރާނެ

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ހިއްސާވާ މިންވަރު މަތިކޮށް، އަދި ޑިޖިޓަލް އިގްތިސާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ކުރެއްވުމަށް ނިންމެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރުމުގެ އިތުރުން ގައުމީ ފެންވަރުގައި ހިންގާ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތައް ތައާރަފުކޮށް ގާނޫނީ އޮނިގަނޑު ފުރިހަމަކުރުން، އަދި އިގްތިސާދެއް ބިނާކުރުމަށް ފަހި، ހިންގުމުގެ އޮނިގަނޑެއް އައި.ސީ.ޓީ ދާއިރާއިން ގާއިމުކުރުމާއި، ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި ފަސޭހަކަމާއެކު މައުލޫމާތު ހިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުމާއި، އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ "ސިންގަލް ސޯސް އޮފް ޓުރުތު" ގެ ގޮތުގައި ބޭނުންކުރާ މަރުކަޒީ ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުމާއި، ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ މަރުކަޒީ މަންސަތައް އެކަށައަޅައި އާއްމުކުރުމާއި، އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ، ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރުޝީފުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ.

މީގެ އިތުރުން އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްގީކުރުމާއެކު، ޑިޖިޓަލް ސޮއި ބޭނުންކުރަން ފެށުމާއި، ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތަޢުލީމީ މުޤައްރަރުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް، ބޭނުންވާ ޢިލްމި ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ދިރާސާތައް ތަރައްޤީކޮށް އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއި، އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ "ލޯކަލް ފަސްޓް" ސިޔާސަތަށް އަމަލުކުރަން ނިންމާފައިވެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މިކަންކަން ކުރެއްވުމަށް މަގުޗާޓެއް ކަނޑައަޅުއްވައި އެކިކަންކަން ހާސިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

- ކޮމެންޓް