ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރިއަށް ގެންދިޔަ ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތްތަކައް ތައުރީފް ހައްގު ކަމަށާއި، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕީއެންއެފް ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ މި ހިނގާލުމުގައި އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެމްޑީޕީން ހަޅޭލެވި ކަމަށާއި، އެނޫން ސަރަހައްދެއް ހަޅޭލުމަށް މަޑު ކުރަން ވެސް ނޭނގުނު ކަމަށެވެ.
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި، ގިނަ ރައްޔިތުންތަކެއް މި ހިނގާލުމަށް ނުކުތް ކަމަށެވެ. އަދި މި މަސައްކަތްތަކަށް ތައުރީފް ހައްގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މި ހިނގާލުމުން ސަރުކާރު ޕްރެޝަރަށް ނުދާ ކަމަށާއި، ނަތީޖާ ނުނެރެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ މި ހިނގާލުން ސިފަވެގެން ދިޔައީ ސިފައިން ކުރިއަށް ގެންދާ ބޭންޑް ނުވަތަ ޕެރޭޑެއް ގޮތަށް ކަމަށެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ މި ހިނގާލުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ ބޮޑެތި ވާހަކަތައް ގޮވާލަން ނުކެރުނު ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ކޮރަޕްޝަނާއި، ނޫމަޑި މައްސަލާގެ ވާހަކަތައް ދައްކާލަން ނުކުރެވުނު ކަމަށް ޔާމީން ވިދާޅުވިއެވެ.
ފައްޔާޒަށް ވެސް އައިސް އަޅުގަނޑުގެ ގެކައިރީގައި ނޫނީ މި ހަޅާލަވާކަށް ނޭނގުނު އެނގޭތޯ. އަޅުގަނޑު މިއާއެކު ކޮށްލާ ސުވާލަކީ އެނގޭތޯ. ވަރަށް ބަސް އަހައިގެން ފުލުހުން ދެއްކި ގޮތަކަށް ދެއްކިތަނަކުން ދިޔައީ އެނގޭތޯ. ހަމައެއްވެސް ވަރުގަދަ ވާހަކައެއް ގޮވުން މަނާ. އެމްޑީޕީގައި ވެސް އެބަތިބި ވެރިކަމާގެން މަސައްކަތް ކުރާ ހަތަރު ފަސް މީހަކު އެބަތިބި އެނގޭތޯ. އެކަކު އަނެކުގެ ވާދައަށް މިކަން ކުރަނީ. ލައްކަ ދުވަހު ލައްކަ ގިނަ މަސައްކަތް ކޮށްގެން މީހުންކޮޅެއް ނެރެފި އެނގޭތޯ. ދެން ހަމަ އެމީހުން ކުރި މަސައްކަތަށް ހަމަ ތައުރީފް ހައްގު ހަމައެނގޭތޯ. އެކަމަކު ކޮބައިހޭ ނަތީޖާ. ސަރުކާރު ޕްރެޝަރަށް ދިޔަހޭ. ނުދޭނުންތޯ. ހަމަ އަންހެން ކުދިންކޮޅެއް ނަލަ ހައްދައިގެން ފިރިހެން ކުދިން ނަލަ ހައްދައިގެން އަޅުގަނޑުމެން ކުޅި ބަލަން ތިބޭއިރު ހަމަ ހިނގާލާފައި ދިޔައީނުންތޯ. ކޮބައިތޯ މާލޭ މަގުމަތީގައި ސިފައިން ބާއްވާ ބޭންޑް ނޫނިއްޔާ ޕެރޭޑްއަކާ މިއާ ކޮބައިތޯ ތަފާތަކީ. އެއްވެސް ވާހަކައެއް ގޮވާކަށް ނުކުރުނު. އެކަމަކު މިނުކުތީ ސަރުކާރު ޖަވާބުދާރީ ކުރުވަން. ސަރުކާރުން ހަދާފައި އޮތް ގޯހެއް ބުނުން މަނާ. ނޫމަޑީގެ ވާހަކަ ދެއްކުން މަނާ. ދެން ކޮރަޕްޝަންގެ ވާހަކަ ދެއްކުން މަނާ. އެމްޑީޕީގެ ބޮޑަށް ތިބި ވެރިންގެ ބޮލަށް ވެސް މިއޮތީ ފިތާލާފައިކުރީގެ ރައީސް އަބްދުﷲ ޔާމީން
31 ޖެނުއަރީ 2025ވީ ހުކުރު ދުވަހު މާލޭގައި އެމްޑީޕީން ވަނީ ސުލްހަވެރި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑު އުފުވާލާފައިވެއެވެ. އަދި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ވަނީ ގޮވާލާފައެވެ.