އަޔެކްސް އަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ހޯދުމަށް، މޮނާކޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ހެންޑަސަން އަޔެކްސް އަށް ބަދަލުވީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރީ ދެ އަހަރާއި ބައިގެ މުއްދަތުގެ އެއްބަސްވުމެއްގަ އެވެ. އޭގެ ކުރިން ހެންޑަސަން ހުރީ ސައުދީ ޕްރޯ ލީގުގައި އަލް އިއްތިފާޤުގަ އެވެ. އެ ކުލަބު އޭނާ ދޫކޮށްލީ އެ ކުލަބާ އެކު ސޮއި ކޮށްފައި އޮތް އެއްބަސްވުން އުވާލުމަށްފަހު އެވެ.
މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މޮނާކޯ އިން އަންނަނީ ހެންޑަސަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ދާއިމީ އެއްބަސްވުމެއްގެ ދަށުން ހެންޑަސަން ހޯދުމަށް މޮނާކޯ އިން މަސައްކަތް ކުރަމުން އަންނައިރު، އެ ކުލަބުން އެކަން ކާމިޔާބު ކުރުން ގާތް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އަދި މޮނާކޯ އަށް ބަދަލުވާން ހެންޑަސަން ވެސް އެއްބަސްވެފައިވާ ކަމަށް މީޑިިއާ ތަކުގައި ވަނީ ބުނެފަ އެވެ.
މޮނާކޯ އިން ހެންޑަސަން އަށް ހުށަހަޅަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުން އޭނާ ޤަބޫލު ކޮށްފި ނަމަ، 2026 ވަނަ އަހަރާ ހަމައަށް އޭނާ މޮނާކޯގައި ހުންނާނެ އެވެ. އަދި މޮނާކޯ އިން ބޭނުންވާ ނަމަ، އިތުރު މުއްދަތައް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ސަންޑަލޭންޑުން 2008 ވަނަަ އަހަރު ސީނިއާ ކެރިއަރު ފެށި ހެންޑަސަން ލިވަޕޫލަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކޮންވެންޓްރީ ސިޓީ އަށް ވެސް ކުޅެފަ އެވެ. ލިވަޕޫލްގައި ހޭދަކުރި 12 ސީޒަންގެ ތެރޭގައި ހެންޑަސަން ވަނީ އެ ކުލަަބަށް 492 މެޗު ކުޅެދީ 33 ލަނޑު ޖަހައިފަ އެވެ. އަދި ލިވަޕޫލާ އެކު އޭނާ ވަނީ އަށް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.
އަޔެކްސް އަށް ބަދަލުވީ ފަހުން ހެންޑަސަން ވަނީ އެ ކުލަބުގައި 44 މެޗު ކުޅެފަ އެވެ.