ކ. މާލެ
|
14 ޖޫން 2025 | ހޮނިހިރު 09:16
މޮނާކޯ އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާ
މޮނާކޯ އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާ
ރޮއިޓަރސް
މޮނާކޯ
ޕޮގްބާ ހޯދުމަށް މޮނާކޯ އިން މަސަައްކަތް ކުރަނީ
މޮނާކޯ އިން ޕޮގްބާ އަށް ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ސަސްޕެންޝަނަކުން ސަލާމަތްވެ، އަލުން ފުޓުބޯޅަ ކުޅުމުގެ ތެރެއަށް އަައުމަށް މަސައްކަތް ކުރަމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާ ހޯދުމަށް، މޮނާކޯ އިން ޝައުުޤުވެރިކަން ފާޅު ކޮށްފި އެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަނިކޮށް، ޕޮގްބާ އަށް ވަނީ ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމީ، މަނާ ބޭހެއް ބޭނުން ކުރި މައްސަލައިގަ އެވެ.

އިޓަލީގެ އެންޓި ޑޯޕިންގ އެޖެންސީ (ނާޑޯ) ކުރިއަށް ގެންދިޔަ ތަހުލީލު ތަކަށް ފަހު، ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން. ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި ޕޮގްބާގެ ފަރާތުން އިސްތިއުނާފު ކުރި އެވެ. އެ މައްސަލަ ބެލުމަށް ފަހު ކާސް އިން އޭރު ނިންމީ ޕޮގްބާގެ ސަސްޕެންޝަނަށް ލުއި ދިނުމަށެވެ. އެ ސަސްޕެންޝަންގެ މުއްދަތު 18 މަސް ދުވަހަށް ކުޑަ ކުރުމަށް ކާސް އިން ނިންމުމާއެކު، މިހަރުގެ މާޗު މަހުގެ ތެރޭގައި އަލުން ފުޓުބޯޅަ ކުޅުމުގެ ތެރެއަށް ޕޮގްބާ އަށް އޮތީ އާދެވޭ ގޮތަށެވެ.

ނަމަވެސް، އެ މައްސަލައިގެ ތެރޭގައި ޔުވެންޓަސް އިން ވަނީ ޕޮގްބާގެ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ. ޔުވެންޓަސް އާއެކު އޭނާ ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ ވެސް އަންނަ އަހަރު އެވެ. ނަމަވެސް، ޔުވެންޓަސް އިން ނިންމީ އޭނާގެ އެއްބަސްވުން އުވާލުމަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މޮނާކޯ އިން އޮތީ ޕޮގްބާ ހޯދުމަށް ބޭނުންވެފަ އެވެ. އަދި އެ ކުލަބުން އަންނަނީ އެކަމާ ގުޅުން ހުރި މަޝްވަރާތައް ޕޮގްބާ އާއެކު ކުރިއަށް ގެންދަމުން ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން، މޮނާކޯ އިން ޕޮގްބާ އަށް ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. އެހެންކަމުން އެ ހުށަހެޅުން ޕޮގްބާގެ ފަރާތުން ޤަބޫލު ކޮށްފި ނަމަ، 2027 ވަނަ އަހަރާ ހަމައަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ސީނިއަރ ކެރިއަރު ފެށި ޕޮގްބާ އެ ކުލަބު ދޫކޮށް ޔުވެންޓަސް އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ދިޔުމަށް ފަހު، 2022 ވަނަ އަހަރު އަނެއްކާ ވެސް އޭނާ ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ.

އެންމެ ފަހުން ޔުވެންޓަސްގައި ހޭދަ ކުރި މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 12 މެެޗު ކުޅެދީފަ އެވެ. ޕޮގްބާގެ އިތުރުން، މޮނާކޯ އިން އަންނަނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

- ކޮމެންޓް