ފްރާންސް ލީގުގައި މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ލީޑު ނަަގާފައި ވަނިކޮށް، މޮނާކޯ އިން ނަތީޖާ ހަމަހަަމަ ވެސް ކުރި އެވެ. ނަމަވެސް ޕީއެސްޖީން ވަނީ ދެ ވަނަ ހާފުގައި އިތުރު ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ވިޓީނިއާ އެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ޑެނިސް ޒަކަރިއާ ވަނީ ލަނޑު ޖަހައި މޮނާކޯ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ. އޭގެ ތިން މިނެޓު ފަހުން ފްރާންސްގެ އޮސްމާން ޑެމްބެލޭ ވަނީ ލަނޑު ޖަހައި ޕީއެސްޖީގެ ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 90 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ވެސް ޖަހައިފަ އެވެ.
މޮޅާއެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކުންނެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ 21 މެޗުން ޕީއެސްޖީ އަށް ލިބެނީ 53 ޕޮއިންޓެވެ. ޕީއެސްޖީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މާސޭ އަށް ލިބެނީ 40 ޕޮއިންޓެވެ.