އަޔެކްސް އަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން، ބްރެންޓްފޯޑަށް ބަދަލުވެއްޖެ އެވެ.
އެންމެ ފަހުން ހެންޑަސަން ކުޅުނީ އަޔެކްސް އަށެވެ. ލިވަޕޫލް ދޫކޮށްލުމަށް ފަހު 2023 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ބަދަލުވީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށެވެ. އޭގެ ފަހުން ހެންޑަސަން އަޔެކްސް އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެ އެއްބަސްވުމުގެ މުއްދަތު 2026 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، ހެންޑަސަން ވަނީ އަޔެކްސްއާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވުން އުވާލަން ނިންމައިފަ އެވެ.
އެއަށް ފަހު މިހާރު އޭނާ ވަނީ ބްރެންޓްފޯޑަށް ސޮއި ކޮށްފަ އެވެ. އެ ކުލަބާ އެކު ވެސް ހެންޑަސަން ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރު އެވެ. ބްރެންޓްފޯޑުން އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، އެ ޓީމުގައި އޭނާ ބޭނުން ކުރާނީ ހަ ނަންބަރު ޖާޒީ އެވެ.
ސަންޑަލޭންޑުން 2008 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ހެންޑަސަން ވަނީ، ކޮންވެންޓްރީ ސިޓީ، ލިވަޕޫލް، އަލް އިއްތުފާގު އަދި އަޔެކްސްގައި ވެސް ކުޅެފަ އެވެ. ހެންޑަސަން ވަނީ އޭނާ އަޔެކްސް އަށް ކުޅެދިން 57 މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ.
އޭގެ ކުރިން ހެންޑަސަން ވަނީ ލިވަޕޫލްގައި ހޭދަ ކުރި 12 ސީޒަންގެ ތެރޭގައި އެ ޓީމަށް ކުޅެދިން 492 މެޗުގައި 33 ލަނޑު ޖަހައިފަ އެވެ. އަދި ލިވަޕޫލާ އެކު އޭނާ ވަނީ އަށް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭނާ ވަނީ ލިވަޕޫލްގެ ކެޕްޓަންގެ މަގާމު ވެސް އަދާ ކޮށްފަ އެވެ.
އިންގްލެންޑުގެ ސީނިއާ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ހެންޑަސަން ވަނީ، ޤައުމީ ޓީމަށް ކުޅެދިން 84 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުގެ ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސްކޮޑުން އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.
އެހެންކަމުން މިވަގުތު ހެންޑަސަން ބްރެންޓްފޯޑަށް ބަދަލުވެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ބޭނުން ވަނީ، އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ހޯދުމާއި، އަންނަ އަަހަރު އޮންނަ ވޯލްޑް ކަޕްގައި ކުޅުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.