ކ. މާލެ
|
28 ޖެނުއަރީ 2025 | އަންގާރަ 13:46
ރައީސް މުއްިޒު މާލެ ވަޑައިގަތުމުން ނައިބު ރައީސް އާއި މަޖިލީހުގެ ރައީސް ވަނީ މަރުޚަބާދަންނަވާފައި
ރައީސް މުއްިޒު މާލެ ވަޑައިގަތުމުން ނައިބު ރައީސް އާއި މަޖިލީހުގެ ރައީސް ވަނީ މަރުޚަބާދަންނަވާފައި
ރައީސް އޮފީސް
ފައިސަލް ވަކިކުރުން
އެދިވަޑައިގެންނެވި ހުރިހާކަމެއް އެދިވަޑައިގެންނެވި ހުރިހާ ގޮތަކަށް މިދަނީ އަޅުގަނޑުވެސް އަދި ފައިސަލްވެސް ކުރަމުން، މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ - އަބްދުއްރަހީމް
ވެރިކަން ފެށުނުއިރު ރައީސް މުއިއްޒުއާ އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ ފައިސަލް މަގާމުން ވަތްކެއް ނުކުރާނެ
ފައިސަލް ވަކިކުރިކަން އެނގުނީ އޭނާ ހެނދުނު އޮފީހަށް ވަޑައިގަތުމުން
ފައިސަލް ވަކިކުރި އިރު އަބްދުއްރަހީމް ހުންނެވީ މެލޭޝިއާގައި

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނާއި ގުޅުން ރަނގަޅުނަމަ ދަރިކަލުން އަދި ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހިމް ފައިސަލް މަގާމުން ވަކިނުކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު ކުއްލި ގޮތަކަށް ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ފައިސަލް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. ދުވަހު ނޫސް "ދައުރު" އަށް ދެއްވި އިންޓަރވިއުއެއްގައި އަަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަކީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް ކަމަށެވެ. އަދި އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ނުރަނގަޅު ކަމެއް ފާހަގަވެފައެއް ނެތް ކަމަށެވެ. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ވަރަށް ދެރަވަރުކޮށް ކަމަށެވެ.

ހަގީގަތުގައި ދަންނަވާނީ ބަދަލުވާންޖެހޭ ސަބަބެއް ނޭނގޭ ދަންނަވާނީ. އަޅުގަނޑުގެ ފަރާތުން ނޯންނާނެ ސަރުކާރަށް ދެރަވާނެކަމެއްވެސް އަދި ރައީސުލްޖުމްހުރިއްޔާގެ އަނބުރަށް ހުތުރުވާނެ ގޮތަށްވެސް އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ. އެދިވަޑައިގެންނެވި ހުރިހާކަމެއް އެދިވަޑައިގެންނެވި ހުރިހާ ގޮތަކަށް މިދަނީ އަޅުގަނޑުވެސް އަދި ފައިސަލްވެސް.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއި ރައީސް މުއިއްޒުއާއި ދެކޮޅަށް ފައިސަލް ކަމެއްކުރާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރެއްގެ މަގާމެއްގައި ހުއްޓާ ވަކިކުރުމުން ދެން ފައިސަލް ސަރުކާރާ އެއްކޮޅަށް ނުހުންނާނެ ކަމަށެވެ. އަދި ރައީސްއާއި އޭނާ [އަބްދުއްރަހީމް] އާއި ދެމެދު ގުޅުން ރަނގަޅުނަމަ މިކަމެއް ހިނގާނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ފައިސަލް ވަކިކުރަންޖެހުނު އެއްވެސް ސަބަބެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިވެރިކަން ފެށުނުއިރު އޭނާއާއި ރައީސްއާއި އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމުގެ އަޑު ފެތުރުފައިވަނިކޮށް، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް އެ މަގާމުން ވަކި ކުރައްވާފައިވަނީ އަންގާރަ ދުވަހުއެވެ.

އަދި ފައިސަލް މަގާމުން ވަކިކުރިކަން އެނގިވަޑައިގަތީވެސް ހެނދުނު އޮފީހަށް ދިއުމުން ކަމަށް ވެސް ފައިސަލްއާއި ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ރައީސް އޮފީހުން އަންގާރަ ދުވަހު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައި ކަމަށެވެ.

ފައިސަލް ވަކިކުރި ސަބަބެއް ރައީސް އޮފީހުންވެސް ހާމަކޮށްފައި ނުވެއެވެ. އަދި ފައިސަލް މަގާމުން ވަކިކޮށްފައިވަނީ އޭނާގެ ބައްޕާފުޅު އަދި މަޖިލީހުގެ ރައީސްކަމާއި ޕީެންސީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މެލޭޝިއާގައި ހުންނަވަނިކޮށެވެ.

ފައިސަލް މަގާމުން ވަކި ކުރެއްވި ސަބަބާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެއެމްވީން ގުޅާލުމުން ފައިސަލް ވެސް އަދި އަބްދުއްރަހީމް ވެސް ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.

- ކޮމެންޓް