ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް އެމެރިކާގެ ރައީސް ދެއްކެވި ވާހަކަފުޅު މުޅި ދުނިޔޭން ކުށްވެރި ކުރި އިރު ރައީސް މުއިއްޒުގެ ސަރުކާރުން އޮތީ އެއާ ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުންކަން ފާހަގަ ކުރެވެއެވެ.
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އަނިޔާވެރި ހަނގުރާމަ އަށް 15 މަސް ދުވަސް ފާއިތުވެގެން ގޮސް އެންމެ ފަހުން އެ ހަނގުރާމަ ހުއްޓާލި އިރުވެސް އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ބުނެ އެކަންވެސް ކުރުމަށް މުއިއްޒުގެ ސަރުކާރު ފަސް ޖެހުނުކަން ވަނީ ފާހަކުރެވިފައެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ބޭނުންފުޅުވަނީ ޣައްޒާ 'ސާފުކޮށްލުމަށް' ކަމަށާއި އެގޮތުން އެތަނުގައި ދިރިއުޅޭ އާބާދީ އަވައްޓެރި ޤައުމުތަކަށް ފޮނުވާލަން ބޭނުންފުޅުވާ ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަފުޅު އަރަބި އިސްލާމީ ގައުމުތަކުގެ އިތުރުން އދ އާއި ޖަރުމަނުވިލާތުގެ އިތުރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކުށްވެރިކޮށް އެކަން އެގޮތައް ކުރިއަށް ގެންދަން ދެކޮޅު ހަދާކަން ހާމަ ކޮށްފައިވެއެވެ.
ޓްރަމްޕް ދެއްކެވި ވާހަކަފުޅު ކުށްވެރި ކުރަމުން އެކި ފަރާތްތަކުން ބުނެފައިވަނީ އެއީ ނަސްލު ނައްތާލުމުގެ ބާވަތެއް ކަމަށާއި އަދި އެއީ ހަނގުރާމައިގެ ކުށެއް ކަމުގައެވެ.