ޣައްޒާ ހިސޯރު ނައްތާލުމަށް ގޮވާލާ ގައުމީ ބޮޑު އެއްވުން ކާމިޔާބުކަމާއި އެކު ބާއްވައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން، ޣައްޒާ ހިޞޯރު ނައްތާލުމަށް ގޮވާލާ ބޭއްވި މި އެއްވުން ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށުގައި އެއް ފަހަރާ ވަނީ ބާއްވާފައެވެ. މާލެ ސަރަހައްދުގެ އެއްވުން އޮތީ 04:30ގައި މާފަންނު ސްޓޭޑިއަމްގައެވެ.
މި ހަރަކާތުގައި ފަލަސްތީނުގެ ތާރީހުގެ ސައްހަ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި މިފަދަ ހަރަކާތެއްގެ ބޭނުމަކީ ސިޔާސީ ގޮތުން ދޭން ޖެހޭ ޕްރެޝަރ ދިނުން ކަމަށް ހާމަކޮށްފައިވެއެވެ.
އެ ހަރަކާތުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޢައްޒާ އަށް އިޒްރާއީލަށް ދެމުންދާ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ. ކުޑަކުދިންނަށް އެހީވުމަށާއި ބޭސް ފަރުވާގެ ފުރުސަތު ޢައްޒާގެ ރައްޔިތުންނަށް ދިނުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ. ޝަހީމްގެ އިތުރުން ސިޔާސީ މައިދާނުގައި އުޅުއްވާ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޢައްޒާގައި ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ހުކުރު ދުވަހުގެ ހަރަކާތަކީ 44 އަށް ވުރެ ގިނަ ގައުމުގައި އެއް ފަހަރާ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެ ފަރާތްތަކުގެ ވާހަކައިގައި ބައިނަލްއަޤުވާމީ ދުނިޔެ ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމަށް ވަނީ އަލި އަޅުވާލާފައެވެ.
މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން ހުކުރު ދުވަހު ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ފިލިޕީންސް ގައި ހަރަކާތްތައް ވަނީ ބާއްވާފައެވެ. މި ހަރަކާތް ނިންމާލީ ޚާއްސަ ދުއާއަކާއި އެކުގައެވެ.