ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ޝިފާޒް (ޝިއްޕެ) އެމްޑީޕީގެ މެމްބަރޝިފް ފޯމް ޕާޓީގެ އޮފީހަށް ހުށަހަޅުއްވައިފިއެވެ.
މި ދެބޭފުޅުންގެ ފޯމް އެމްޑީޕީ އޮފީހަށް ހުށަހެޅެއްވީ އާދިއްތަ ދުވަހުގެ މެންދުރުކުރިންކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި ހުސެއިން އަމްރު އަދި ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ހަސަން ލަތީފް ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ޕާޓީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ 19 ވަނަ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން އަށާއި އެ ޕާޓީގެ ނައިބް ރައީސް އާޝިޔަތު އަލައިކާ އަދުނާން އަށެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަލުން ޕާޓީއާ ގުޅިވަޑައިގަތުމުން ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ.