ކ. މާލެ
|
11 ޖެނުއަރީ 2025 | ހޮނިހިރު 14:47
އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް
އެފްއޭއެމްގެ ފުރަތަމަ އިންތިޚާބީ ރައީސް އަލީ އާޒިމް
ސޯޝަލްމީޑިއާ
ދަ ޑިމޮކްރަޓްސް
ކުރީގެ މެމްބަރު އަލީ އާޒިމް ވެސް ޑިމޮކްރަޓްސް އިން އިސްތިއުފާ ދެއްވައި، އެމްޑީޕީ އަށް ސޮއި ކުރައްވަނީ
އާޒިމް ވިދާޅުވީ ހޮނިހިރު ނުވަތަ އާދީއްތަ ދުވަހުގެ ވަގުތެއްގައި، އެމްޑީޕީ އަށް ސޮއި ކުރައްވާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް، ދަ ޑިމޮކްރަޓްސް އިން އިސްތިއުފާ ދެއްވައިފި އެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ހޮނިހިރު ދުވަހުން ފެށިގެން ޑިމޮކްރަޓްސް އިން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، ހޮނިހިރު ނުވަތަ އާދީއްތަ ދުވަހުގެ ވަގުތެއްގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވާނެ ކަމަށެވެ.

އަލީ އާޒިމް ޑިމޮކްރަޓްސް އިން އިސްތިއުފާ ދެއްވައި އެމްޑީޕީ އަށް ސޮއި ކުރައްވަން ނިންމަވާފައިވާއިރު، އާޒިމް ވަނީ މީގެ ކުރިން ވެސް އެމްޑީީޕީގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އާޒިމް ވަނީ، އެ ދައުރުގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕު (ޕީޖީ) ލީޑަރުކަން ވެސް ކުރައްވައިފަ އެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދިގެން އައި ދެބައިވުމުގެ ތެރޭގައި އާޒިމް ވެސް ވަނީ ޑިމޮކްރަޓްސް އަށް ސޮއި ކުރައްވައިފަ އެވެ.

އާޒިމް އެމްޑީޕީ އަށް ސޮއި ކުރައްވަން ނިންމަވާފައިވާއިރު، ޑިމޮކްރަޓްސްގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުން ދަނީ އިސްުތިއުފާ ދެއްވަމުންނެވެ. އެ ޕާޓީގެ ރައީސްކަމުން ޙަސަން ލަޠީފް (ޙަސަންކޮ) އިސްތިއުފާ ދެއްވާފައިވާއިރު، ނައިބު ރައީސްކަމުން މުޙައްމަދު ޝިފާޒު (ޝިއްޕެ) ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ހުންނެވި ޙުސެއިން އަމްރު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިިގެން، އިދިކޮޅު އެމްޑީޕީ އަށް ސޮއި ކުރައްވައިފަ އެވެ.

- ކޮމެންޓް