ރާއްޖޭގެ ހާލަތު އަނެއްކާވެސް މިއަދު މިއޮތީ ކަންކަމަށް ސަލާންޖަހަން ޖެހޭ ފަދަހާލަތެއްގައި ކަމަށާއި، އެގޮތުން ވަކި ޕާޓީއަކަށް ނިސްބަތްވެ، ނުފޫޒުގަދަ މަޖިލިސް މެމްބަރެއް ނުވަތަ ވަޒީރެއްގެ ރުހުން ހޯދައިގެން ނޫންގޮތަކަށް މިއަދު ވަޒީފާއެއްވެސް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވަހީދު މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ "މިނިވަން ބަހުސް"ގެ ނަމުގައި ޑިމޮކްރެޓްސް އިން ކުރިއަށް ގެންދިއަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ވަހީދު ވިދާޅުވީ މި ގައުމުން ފެނިގެން މި ދަނީ މީގެ 12 ނުވަތަ 13 އަހަރު ކުރިން ބަޔަކު ބުރަ މަސައްކަތުން ހޯދާގަތް ދިވެހި ރައްޔިތުންގެ މިނިވަންކަމުގެ ހައްޤުތައް ގެއްލި، އަލުން އަނބުރާ އިހު އޮތްގޮތަކަށް ރުޖޫއަވާތަން ކަމަށެވެ. އެގޮތުން އާސަންދައަށް ރައްޔިތުން ސަލާންޖަހަން ޖެހުމާއި، ވަޒީފާއެއް ހޯދުމަށް ސަލާންޖަހަން ޖެހުން ނޫންގޮތެއް މިއަދު ނެތްކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މީގެ އެތަކެއް އަހަރުތަކެއް ކުރިން މިނިވަން ބަހުސް ހިންގައިގެން، އެކިއެކި ސިޔާސީ ހަރަކާތްތައް ރާއްޖެއަށް ތައާރަފުކޮށްގެން 2008 ގައި ބޮޑެތި ބަދަލުތަކެއް ގެނެވުނުކަމަށެވެ. އެގޮތުން އެއްވެސް ބިރެއް ނެތި ހަމަ ކޮންމެ ރައްޔިތަކަށް ވެސް ޚިޔާލުފާޅުކޮށް، ބަސްބުނުމުގެ މިނިވަންކަމާއި ޒަމާނުއްސުރެ، ރަށްރަށުގެ ކަތީބުން، ބަނޑު ނާޅާގޮތަށް އެތެރެފެންނަ ވޯޓު ފޮށްޓަކަށް މަކަރު ނުހަދައި ވޯޓުލެވޭނޭ ގޮތް ހޯދައިދިންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވަހީދު ވިދަޅުވީ އޭރު ދިވެހި ރައްޔިތަކު ބަލިވީމައި ބޭސް ސިޓީ ހިފައިގެން މުލިއާގޭދޮށަށް ސަލާންޖަން ގޮސް އެތަކެއް ދުވަސްތަކެއް ވަންދެން ބޭސް ސިޓީއަށް ސަލާންޖެހުމަށް ރައްޔިތުން ހޭދަކުރަން ޖެހުނުކަމަށެވެ. ނަމަވެސް އޭރު އެ އޮތް ގޮތް ބަދަލުކޮށް އިންސާފުވެރި އާސަންދަ ކިޔާ ބޭސްފަރުވާގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭރު އޮތް ގޮތަށް، ސީދާ ރައީސް އޮފީހަށް ނުވަތަ އެހެންވެސް ތަނަކަށް ބޭސްސިޓީއަށް ސަލާންޖަހަން ދާން ނުޖެހުނުކަމުގައި ވީނަމަވެސް މިއަދު ދިވެހި ރައްޔިތުންނަށް ޖެހިފައި މިވަނީ އާސަންދައަށް އާދޭސް ކުރަން ކަމަށް ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މީގެ ކުރިން ވެސް އޮތް ގޮތަށް ދަރިއަކަށް ނުވަތަ އެހެންވެސް މީހަކަށް ވަޒީފާއެއް ހޯދަން މި ޖެހެނީ ވަކި ޕާޓީއަކަށް ވަދެގެން، ކޮންމެވެސް ނުފޫޒު ގަދަ މަޖިލިސް މެމްބަރެއް ނުވަތަ ވަޒީރެއް ރުއްސައިގެން ކަމަށާއި އެ ނޫންގޮތަކަށް މިއަދު އެއްވެސް މީހަކަށް ވަޒީފާއެއް ވެސް ލިބެން ނެތްކަމަށެވެ.
މީގެ ކުރިން މިނިވަސް ބަހުސް ހިންގައިގެން، އެކިއެކި ސިޔާސީ ހަރަކާތް ހިންގައިގެން 2008 ވަނަ އަހަރު ބޮޑެތި ބަދަލުތަކެއް ގެނެވުނު. އޭރު ހޯދި ހައްޤުތަކުގެ ތެރޭގައި އެއްވެސް ބިރެއްނެތި، ޖެހިލުމެއް ނެތި، މިނިވަންކަމާއި އެކުގައި ބަސްބުނުމުގެ މިނިވަން ކަމާއި. ޒަމާނުއްސުރެ، ރަށުކަތީބުން ބަނޑު ނުއަލާގޮތަށް މިނިވަންކަމާއި އެކު ވޯޓުލެވޭނޭ ގޮތް ހަދައިދެވުނު. ބޭސްސިޓީއަށް ސަލާން ޖެހުން ނިމުމަކަށް ނެގެވުނު. އެހެން ނަމަވެސް މިހާރު އަނެއްކާވެސް މި ޖެހެނީ އާސަންދައަށް ސަލާންޖަން. ދަރިއަކަށް ވަޒީފާއެއް ވެސް ލިބެނީ ވަކި ޕާޓީއަކަށް ވަދެ، ނުފޫޒުގަދަ އެމްޕީއެއް ނުވަތަ ވަޒީރެއްގެ ގާތު އާދޭސްކޮށްގެން.ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު![]()
ރާއްޖޭގެ ބޯހިޔާވަކިކަމުގެ މައްސަލައަށް އިޝާރަތްކުރައްވައި ވަހީދު ވިދާޅުވީ، މިއަދު ބޯހިޔާވަހިކަންވެސް އޮންނަނީ، އެއްވެސް އުސޫލެއްގެ ދަށުން ދޭގޮތަށް ނޫންކަމަށާއި އެގޮތުން، ވަކި ގިނައިން ޕޮއިންޓު ލިބޭ މީހެއް ނުބަލައި، ހިތުހުރި ގޮތަކަށް ގާތް މީހުންނަށް ގޯއްޗާއި ފްލެޓުތައް ބަހާލަނީ ކަމަށެވެ.