ކ. މާލެ
|
10 ޖެނުއަރީ 2025 | ހުކުރު 19:30
ކިޔަވާ ކުއްޖަކު މަރުވުމާ ގުޅިގެން ޗައިނާގައި ހިނގި މުޒާހަރާ ވަނީ ހޫނު ވެފައި
ކިޔަވާ ކުއްޖަކު މަރުވުމާ ގުޅިގެން ޗައިނާގައި ހިނގި މުޒާހަރާ ވަނީ ހޫނު ވެފައި
ބީބީސީ
ޗައިނާ މުޒާހަރާ
ދަރިވަރަކު މަރުވުމާ ގުޅިގެން ޗައިނާގައި އަނިޔާވެރި މުޒާހަރާތަކެއް ހިނގައިފި
މުޒާހަރާގެ ވީޑިއޯ ތައް އިންޓަރނެޓްގައި ލީކުވެފައިވާއިރު އޮފިޝަލުން ވަނީ މުޒާހަރާ ހިނގިކަމާ ދެކޮޅު ހަދާފައި ކަމަށް ބީބީސީ އިން ބުނޭ.

ޓީނޭޖް ދަރިވަރަކު މަރުވުމާ ގުޅިގެން ޗައިނާގެ ހުޅަނގު އުތުރުގައިވާ ސިޓީއެއްގައި އަނިޔާވެރި މުޒާހަރާތަކެއް ހިނގައިފިކަން ބީބީސީއިން ރިޕޯޓް ކޮށްފިއެވެ. 

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުގައި، ޝާންޝީ ޕްރޮވިންސްގެ ޕޫޗެންގ ގައި މުޒާހަރާކުރި މީހުން ފުލުހުންނާ ދިމާލަށް އެއްޗެހި އުކާ މަންޒަރާއި، މުޒާހަރާކުރި ބައެއް މީހުންގެ ގައިގައި ފުލުހުންތަޅާ މަންޒަރު ފެންނަ ކަމަށް ވެސް ބީބީސީގެ ރިޕޯޓުގައިވެއެވެ. 

އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ކުއްޖާ މަރުވެފައިވަނީ ޖެނުއަރީ 2 ވަނަ ދުވަހު އޭނާގެ ސްކޫލްގެ ޑޯމިޓަރީގައި ހިނގި ހާދިސާއެއްގައި ވެއްޓިގެންނެވެ. ނަމަވެސް އޭނާ މަރުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެދިފައިވާ ތުހުމަތުތަކުގައި ބުނެފައިވަނީ މިކަން ހިނގިގޮތް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

މުޒާހަރާތައް ފެށުނީ މިކަމާ ގުޅިގެންނެވެ. އަދި މުޒާހަރާތައް މިދިޔަ ހަފްތާގެ ކުރީކޮޅާ ހަމަ އަށް ދެމިގެން ދިޔަ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. 

ޗައިނާ ގައި ސަރުކާރަށް ފާޑުކިޔާ މުޒާހަރާ ކުރުމަކީ އާންމު ކޮށް ހިނގާ ކަމެއް ނޫނެވެ. ނަމަވެސް 2022 ވަނަ އަހަރު ކޮވިޑް ސިޔާސަތުތަކާ ދެކޮޅަށް ހިނގި "ވައިޓް ޕޭޕަރ" މުޒާހަރާތަކުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އާއި ރައީސް ޝީ ޖިންޕިންގއާ ދެކޮޅަށް ފާޑުކިޔުންތަކެއް އައުމާ ގުޅިގެން، ސަރުކާރުން މުޒާހަރާތަކާ މެދު ވަރަށް ބޮޑަށް ވަނީ ސަމާލުވެފައެވެ. 

ޕޫޗެންގ ގައި ހިނގި މުޒާހަރާތަކާ ބެހޭ ގޮތުން ސަރުކާރުގެ މީޑިއާތަކުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އޮތޯރިޓީތަކުން ސެންސިޓިވް ކަމަށް ދެކޭ މިފަދަ ކަންތައްތަކުގައި އާންމުކޮށް އަމަލު ކުރާ ފަދައިން، މުޒާހަރާތަކާ ބެހޭ ވީޑިއޯ އާއި ޕޯސްޓްތައް ޗައިނާގެ ސޯޝަލް މީޑިއާއިން ވަނީ ސެންސަރކޮށްފައެވެ. 

ނަމަވެސް ގިނަ އަދަދެއްގެ ވީޑިއޯތަކެއް ވަނީ ޗައިނާއިން ބޭރަށް ލީކްވެ، އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކޮށްފައެވެ.

ބީބީސީ އިން ބުނެފައިވަނީ ލީކުވި ވީޑިއޯތައް ނަގާފައިވަނީ ޕޫޗެންގ ވޮކޭޝަނަލް އެޑިޔުކޭޝަން ސެންޓަރުން ކަން ޔަގީންކޮށްފައެވެ. އަދި މުޒާހަރާތައް ފެށުނު ކަމަށް ބުނެވޭ ދުވަސްތަކުގެ ކުރިން މި ވީޑިއޯތައް އިންޓަރނެޓުގައި ޝާއިޢުކޮށްފައި ނެތްކަންވެސް ވަނީ ޔަގީންކޮށްފައެވެ.. 

ބީބީސީ އިން ޕޫޗެންގ ސަރުކާރުގެ ޕަބްލިސިޓީ ޑިޕާޓްމަންޓުގެ އޮފިޝަލަކާ ގުޅުމުން، އެ އޮފިޝަލް ވަނީ މުޒާހަރާތަކެއް ހިނގިކަމާ ދެކޮޅަށް ހަދާފައި ކަމަށް ބީބީސީ އިން ބުނެއެވެ. 

މި ހަފްތާގެ ކުރީކޮޅު ނެރުނު ބަޔާނެއްގައި ލޯކަލް އޮތޯރިޓީތަކުން ބުނެފައިވަނީ މަރުވި ޓީނޭޖަރުގެ ނަމަކީ ޑޭންގ ކަމަށާއި، އޭނާއަކީ ޕޫޗެންގގެ އެޑިޔުކޭޝަން ސެންޓަރުގެ ތިންވަނަ އަހަރުގެ ދަރިވަރެއް ކަމަށެވެ. 

އޭނާ މަރުވުމުގެ ކުރިން، ޑޯމިޓަރީގައި އެހެން ކުއްޖަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ހަމަނުޖެހުމެއް ހިނގި ކަމަށާއި، އެ މައްސަލަ ސްކޫލްގެ އޮފިޝަލަކު ހައްލުކުރި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެ ރޭގެ ފެ ރޭގެ ފަހުން، އޭނާގެ ހަށިގަނޑު ފެނުނީ ޑޯމިޓަރީ ބްލޮކްގެ ތިރިން އެހެން ދަރިވަރަކަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާ ބަޔާނުގައި ސިފަކޮށްފައިވަނީ "ސްކޫލުގައި ދަރިވަރަކު އުސްތަނަކުން ވެއްޓުނު ހާދިސާއެއް" ގެ ގޮތުގައެވެ. އަދި ފުލުހުން ތަޙްޤީޤުކޮށް، ހަށިގަނޑު ބަލައި ފާސްކުރުމަށްފަހު، "މިވަގުތު މިއީ ޖިނާއީ މައްސަލައެއް ކަމަށް ބެލެވޭ ކަމެއް ނޫން ކަމަށް" ބަޔާނުގައި ބުނެފައިވެއެވެ. 

ނަމަވެސް، މި ވާހަކައިގައި އިތުރު ކަންތައްތަކެއް ހުރި ކަމަށާއި، ސްކޫލާއި އޮތޯރިޓީތަކުން ޙަޤީޤަތް ފޮރުވާފައިވާ ކަމުގެ ތުހުމަތުތައް ވަނީ އޮންލައިންގައި ފެތުރިފައެވެ. އެއް ވާހަކައެއްގައި ބުނެފައިވަނީ، ޑޭންގ އަމިއްލަ އަށް މަރުވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ޑޭންގ މަރުވެފައިވަނީ އޭނާ އާ ދެބަސްވުން އުފެދުނު ކުއްޖާ އޭނާއަށް އަނިޔާކުރުމުން ކަމަށެވެ. 

ޑޭންގ ގެ އާއިލާ އިން ބުނެފައިވާ ކަމަށް ބުނާ، ވެރިފައި ނުކުރެވޭ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ. އޭގައި ބުނެފައިވަނީ ޑޭންގ ގެ ހަށިގަނޑުގައި ހުރި އަނިޔާތައް އޮތޯރިޓީތަކުން ބުނާ ވާހަކައާ ދިމާނުވާ ކަމަށާއި، އާއިލާއަށް ހަށިގަނޑު ބަލަން އެކަށީގެންވާ ވަގުތު ނުދިން ކަމަށެވެ. 

މި ތުހުމަތުތަކުން ޕޫޗެންގގެ ގިނަ ބަޔަކު ވަނީ ރުޅިއައިސްފައެވެ. އަދި މީގެ ސަބަބުން ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރި ކަމަށް ބީބީސީ އިން ބުނެފައިވެއެވެ.

- ކޮމެންޓް