ކ. މާލެ
|
9 ޖެނުއަރީ 2025 | ބުރާސްފަތި 18:14
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައީސް ޑރ.މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ހުޅުވުން
މަޖިލިސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 6 ގައި
ފެއެބްރުއަރީ 6 ވަނަ ދުވަހު ބާއްވަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާންއިއްވަވާނެ

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އޮންނާނެ ކަމަށް މަޖިލީހުން ބުނެފިއެވެ.

މަޖިލީހުން ބުނީ މިއަހަރަށް މަޖިލިސް ހުޅުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަަމަކުރަމުންދާ ކަމަށެވެ. މީގެ އިތުރުން މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އެ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ނިންމަވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމުގެ ޙާލަތު ބަޔާންކުރައްވާ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވަންޖެހެއެެވެ. އެ އުސޫލާއި އެއްގޮތަށް ފެއެބްރުއަރީ 6 ވަނަ ދުވަހު ބާއްވަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާ ގޮތުން ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ނޫން ދެން އެންމެ ގިނަ މެންބަރުން ތިބި ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު އެ ބަޔާނަށް ޖަވާބުދޭންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ޚިޔާލާއި ފިކުރު ހޯދަންވާނެކަމަށް ވެސް 20 ވަނަ މަޖިލީހުގެ ޤަވާއިދުގައި ވަނީ ބުނެފައެވެ.

އެ ޤަވާއިދުގައި ބުނެފައިވާ ގޮތުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ރިޔާސީ ބަޔާނަށް ޖަވާބު ދޭންވާނެއެވެ.

- ކޮމެންޓް