އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ފުލުހުން ބަލައި ފާސްކުރިއިރު 1.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމާއި އެ ފައިސާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ދެކެވޭ ވާހަކައަށް މިވަގުތު އެއްވެސް ކޮމެންޓެއް ދެވެން ނެތްކަމަށް ފުލުހުން ބުނެފިއެވެ.
ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސްކުރީ, ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން, މިދިޔަ މަހުގެ 22, ގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. އަދި އޭރު އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
ފުލުހުން އޭރު އެހެން ވިދާޅުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ފަޒުލް ދިރިއުޅުއްވާ އެ ގެ ބަލައި ފާސްކުރިއިރު ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފަ އެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި މިހާތަނަށް މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް ފަޒުލްގެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެއްދިޔަކަމަށް ދެކެވޭ ވާހަތަކާއި ގުޅޭ ސައްޚަ މައުލޫމާތު ހޯދާލުމަށް ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހްމަދު ޝިފާން އަށް "ރާއްޖެ ޓީވީ" އިން ގުޅުމުން ވިދާޅުވީ މި މައްސަލައާއި ގުޅޭ ގޮތުން އަދި ފުލުހުންނަށް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖޭގެ ގިނަ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ފަޒުލްގެ ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އެ ދަބަހުގައި 1.4 މިލިއަނެއްހާ ރުފިޔާ ހުއްޓެވެ. އެކަމަކު، ފަޒުލްގެ މައްޗަށް މި ތަހުގީގުގައި ކުރަނީ ސީދާ ކޮން ތުހުމަތެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ފައިސާއާ ގުޅުވައިގެން ކުރާ ތުހުމަތެއް ވެސް އަދި ނޭނގެ އެވެ.
މި މައްސަލައާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތެއް ކަމަށްވާ ރިލެކްސް ފެރީ ސާވިސްއިން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކުންފުންޏަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދީފައިވާނެކަމަށް ވަނީ ބުނެފައެވެ.
ރިލެކްސް ފެރީ ސާވިސް އިން މިހެން ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ފަޒުލް ދިރިއުޅޭ ގެ މިދިޔަ އަހަރުގެ ދިސެމްބަރފު މަހުގެ ފަހުކޮޅުގައި ބަލައި ފާސްކޮށް 1.4 މިލިއަން ރުފިޔާ ހުރި ފައިސާ ދަބަހެއް ފެނިފައިވާ ކަމަށް ބުނާ ވާހަކަތަކެއް ރާއްޖޭގެ ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ރިލެކްސް އިން ކުރި ޕޯސްޓުގައި ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ. އަދި އެ ކުންފުނިން ބަން ލޯންޗުގެ ފެންވަރު ރަނގަޅުވެ ދެވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މަޝްވަރާ ކޮށްފައި ވާކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ކުރީ ކޮޅު ކުރެވުނު މަޝްވަރާއަށް ފަހު އެ އަހަރު ޑިސެމްބަރުމަހު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް ރިލެކްސް އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ބިންތަކެއް އެޗްޑީސީން ދިން ކަމަށް ބުނާ މައްސަލަ އާއި ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އާއި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
އޭގެ ތެރެއިން ފަޒުލް އަށް އޭރު ކުރި ތުހުމަތުތަކުގެ ތެރޭގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޯއްޗަށް ޝަރުތު ހަމަނުވާ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަަޒީލް ރަޝީދަށް ބިމެއް ދިން މައްސަލައެއް ހިމެނެ އެވެ. ޝަރުތު ހަމަނުވާ އިތުރު ބަޔަކަށް ވެސް ބިން ދޫކުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާއި އޭސީސީން މި މައްސަލަ ތަހުގީގުކުރާތީ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.