ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
މުއާޒް އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ ޓްވިޓަރގައި އޭނާގެ އިސްތިއުފާގެ ސިޓީ އާއި އެކު ހިއްސާކުރެއްވި މެސެޖެއްގައި ހޯމަ ދުވަހުއެވެ.
މުއާޒް ވަނީ ފެނަކައަށް އައްޔަންކުރި ދުވަހުން ފެށިގެން މަސައްކަތް ކުރެއްވީ އެންމެ ފުރިހަމައަށް މަސްޢޫލިއްޔަތު އަދާކުރުމަށް ކަމަށް ވިދާޅުވެފައެވެ.
މުއާޒް ވިދާޅުވީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން ލިބޭ އާމްދަނީ އިން ހިންގާ ތަންތަނަށް ވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ ކުންފުނި އޮތީ މާލީ ގޮތުން ދަށް ހާލަތެއްގައި ކަމަށް ވުމުން އެކަން ކުރުމަކީ މުސްތަހީލު ކަމެއް ކަމަށް މުއާޒް ވިދާޅުވިއެވެ. ސަބަބަކީ ފެނަކައިން ޚިދުމަތް ދޭ ގިނަ ދަށްރަށުގައި މެއިންޓެންސް މަސައްކަތްތައް ނުކުރުމާއި، ބެކްލޮގް އެއްކޮށް ރަނގަޅު ނުކުރުން ފަދަ މައްސަލަތައް ދިމާވުން ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.
އޭނާ ކުންފުންޏާއި ހަވާލުވި އިރު ވެސް ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިިލިއަން ރުފިޔާ އޮތް ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. ހަމައެހެންމެ ބޭނުންވާ އަދަދަށް ވުރެ ކުންފުނީގެ މުވައްޒަފުން އިތުރުކުރަން ޖެހިފައިވާ ކަމަށާއި ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ. އެ ގޮންޖެހުންތަކާއި އެކު ވެސް ޚަރަދު ކުޑަކުރުމަށް ފެނަކައިން މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާނެ ކަަމަށް މުއާޒް ވިދާޅުވިއެވެ.
އެގޮތުން 2023ގެ އޮކްޓޯބަރ އިން ފެށިގެން 2024ގެ އޮކްޓޯބަރގެ ނިޔަލަށް 160 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. ކުންފުނީގެ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް މުއާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގޮންޖެހުންތަކާއި އެކު ވެސް ކުންފުނިން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާފައިވާނެ ކަަމަށް މުއާޒް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ އެދެވޭ ނަތީޖާވެސް ހާސިލްވި ކަމަށް މުއާޒް ވަނީ ސިފަކުރައްވާފައެވެ.