ކުރީގެ ދެމަފިރިން ކަމަށްވާ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް އެންޓަޓެއިންމަންޓް ކުންފުންޏެއް ކަމަށްވާ ސައުންޑަންޓް އިން ދައުވާކޮށްފިއެވެ.
އެ ދެ މީހުންނަށް ސައުންޑަންޓް އިން ދައުވާކޮށްފައި ވަނީ އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެންނެވެ. އެއީ 2010 ވަނަ އަހަރު އެ ދެ މީހުން ފްރާންސް އިން ގަނެފައިވާ ގެއެއްގެ ލައިޓިން ހެދުމުގެ އަގު ނުދައްކައިގެންނެވެ.
އެކުންފުނީގެ ޑިޒައިނަރެއް ކަމަށްވާ އޮޑިލް ބުނެފައި ވަނީ އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓް ގޭގެ ލައިޓްތައް ހަރުކޮށްދިނުމަށް 565،000 ޔޫރޯ އަރާ ކަމަށާއި އެފައިސާ ދިނުމަށް އެ ދެ މީހުންގެ ކިބައިން ވެސް އެދިފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ޖަވާބެއް އެ ދެ މީހުންގެ ފަރާތުން ވެސް ލިބިފައި ނުވާ ކަމަށް ބުނެފައި ވެއެވެ. އެފައިސާ ނުލިބި މިހާރު އެތައް ދުވަހެއް ވެފައިވާއިރު މާލީ ގޮތުން އެކުންފުންޏަށް ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށް ބުނެފައި ވެއެވެ.
އެންޖެލީނާ ޖޯލީ އަދި ބްރެޑް ޕިޓް ކައިވެނި ކުރީ 8 އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު 2014 ވަނަ އަހަރުއެވެ. މި ދެ ތަރިންގެ ހަ ކުދިން ތިބޭއިރު ތިން ކުދިންނަކީ އެޑެޕްޓް ކޮށްފައިވާ ތިން ކުދިންނެވެ. ދެ މީހުންގެ އަމިއްލަ ކުދިންނަކީ 10 އަހަރުގެ ޝިލޯހް ނޮވެލް އާއި އަށް އަހަރުގެ ނޮކްސް ލިއޯން އަދި އޭނާއާ އެއްމާބަނޑު ވިވީން އެވެ.
މިކަމާ ބެހޭ ގޮތުން އެންޖޮލީނާ ޖޯލީ އާއި ބްރެޑް ޕިޓް އެއްޗެއް ބުނެފައިނުވި ނަމަވެސް ޕިޓްގެ ތަރުޖަމާނު ބުނެފައި ވަނީ އެއީ މިހާރު އޭނާއާ ގުޅުން ހުރި ގެއެއް ނޫން ކަމަށެވެ.
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ ކައިވެނި ނިމުމަކަށް އައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޖޯލީ ވަނީ ކުދިންނަށް އިހާނެތިކޮށް ހިތާ ކަމަށް ބުނެ ބްރެޑް ޕިޓްގެ މައްޗަށް އެތައް ތުހުމަތެއް ކޮށްފައެވެ. އެގޮތުން ބްރެޑްއަކީ ވަރަށް ރުޅިގަދަ މީހެއް ކަމަށާއި ދަރިންނަށް އިހާނަތިކޮށް ކަންތައް ކުރާ ބައްޕައެއް ކަމަށް ބުނެ ތުހުމަތު ކޮށްފައި ވެއެވެ.