ޕާޓީ ބަދަލު ކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނުއަސާސީ އަށް ގެނައި އިސްލާހް ގާނޫނުއަސާސީ އާ ޚިލާފް ކަމަށް ބުނެ، އެ އިސްލާހް ބާތިލު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީ ނުވަތަ މެންބަރު ތަމްސީލުކުރާ ހައިސިއްޔަތު ބަދަލުކޮށްފިނަމަ މެންބަރުކަމުގެ މަގާމު ގެއްލޭ ގޮތަށް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އިސްލާހުކޮށް، 20 ނޮވެމްބަރު 2024 ގައި ފާސްކޮށް ތަސްދީގުކޮށްފައިވާ ގާނޫނު ނަންބަރު 2024/25 (ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަކީ، ގާނޫނުއަސާސީގެ ބާރު ކެނޑިގެން ދާގޮތަށް، ގާނޫނުއަސާސީ އާއި މުޅި ދިވެހި ދައުލަތް އެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ފާސް ކުރުމުގައި މީގެ ކުރިން އަމަލު ކުރަމުން ގޮސްފައިވާ އުސޫލުތަކާ ހިލާފަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހެއް ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
އެމްޑީޕީ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީ އަށް އެ އިސްލާހު ގެނެސްފައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމާއި، އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތް ކުރުމެއްނެތި އަދި ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރާނެ މަންދޫބަކު ހިޔާރު ކުރުމަށް ރައްޔިތުންނަށް ލިބިފައި އޮތް ހައްގު އެކީ އެކަށް ނިގުޅިގެންދާ ގޮތަށެވެ.
"އެހެންކަމާއެކު، ގާނޫނު ނަންބަރު 2024/25 (ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީ އާ ހިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔައި، އެ މައްސަލައިގެ ތެރެއަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ތަދައްހުލުވުމަށް ނިންމާފައި،" ވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.