ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް (ޑީޖޭޖޭ)ގެ އައު ލޯގޯ އިފްތިތާހް ކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ކުޑަކުދިންނަކީ އޭގެ ޒާތުގައި ކުށްކުރާ ބައެއް ނޫން ކަމަށާއި އެހެން ނޫންނަމަވެސް މުޖްތަމައުގެ ތެރޭ ކަންކަން އޮންނަ ގޮތުން ކުދިން ކުށްތަކަށް ހުށަހެޅި އޭގެއިން ސަލާމަތް ނުވެ ކުށްވެރިންނަށް ވެގެންދާ ކަމަށެވެ.
ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިންގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ މިސަރުކާރުގެ ތަސައްވުރެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ޑީޖޭޖޭގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ކުޑަކުދިން އަދުލުގެ ނިޒާމުގެ ތެރެއަށް ނުގޮސް އެކުދިންނަށް ރަނގަޅު ކުރިމަގެއް ހޯދައިދީ ކާމިޔާބު ޒުވާނުންނަށް ހެދުމުގެ މަސައްކަތަކީ ޑީޖޭޖޭއާ ހަވާލުކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
މިހާތަނަށް އެޑިޕާޓްމަންޓުގެ މަސައްކަތް ކުރެވެެމުން އައިއިރު، އެކަށީގެންވާ ވަރަށް ވަސީލަތްތައް ގާއިމް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ އިދާރާއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި އިންސާނީ ވަސީލަތް އިތުރުކޮށް، ރާއްޖޭގެ ދިމަ ދިމާލުގައި ގާއިމްކުރަން ޖެހޭ ޖުވެނައިލް ޖަސްޓިސްގެ ޔުނިޓްތަކާއި، މަސައްކަތަށް ބޭނުންވާ ފެސިލިޓީސްތައް ތައްޔާރުކޮށް ހަވާލުކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ފާހަގަކުރެވޭ ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ޑިޕަރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއާ ގުޅިގެން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުށްކުރާ ގްރޫޕުތަކުގެ ބިރުވެރިކަން މާލެ ސަރަހައްދާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި އެބައޮތް ކަމަށާއި މަސްތުވާތަކެއްޗާއި ގްރޫޕުތަކުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރުމަށް ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި އެފަދަ ގްރޫޕުތަކުން 18 ނުފުރޭ ކުޑަކުދިން ރެކްރޫޓު ކުރާ ކަމަށާއި، އެހެންކަމުން އެކުދިން ރިހެބިލިޓޭޓް ކުރުމުގެ އިތުރުން މިފަދަ ގްރޫޕުތަކުގެ ބޮޑުންނާ ހަމައަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިހުސާން ވަނީ ދެއްވާފައެވެ.