"ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލުމަކީ އަދި ރައްޔިތުންގެ ފަޅިއަށް އެރުނީއެއްނޫން" ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ބޭރު ފައިސާ އާ ބެހޭ ޤަވާއިދާއި މަނީޗޭންޖިންގ ވިޔަފާރި އާ ބެހޭ ޤަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން މި ފެންނަނީ އެންމެ ބޮޑު ސިނާޢަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމުގައެވެ.
ޓޫރިސްޓު ފެސިލިޓީ ތަކަށް ލިބޭ ޑޮލަރުން ވަކި މިންވަރެއް ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް، ފާއިތުވި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދަށް ވަނީ ކުއްލި ބޮޑު ބަދަލެއް ގެނެސްފައެވެ. އެކަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ގެންދަނީ މިއީ ތަންފީޒު ކުރެވޭނެ ގަވައިދެއް ނޫން ކަމަށާއި، ކުއްލި ގޮތަކަށް ތައާރަފް ކުރި މި ގަވައިދަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން އެކުލަވާލި ގަވައިދެއް ނޫން ކަމަށް ބުނަމުންނެވެ.
އެމްއެމްއޭ ގެ އައު ގަވައިދުގައިވާ ގޮތުން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން، ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސް ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން، ބޭންކަށް ޑޮލަރު މާރުކުރަން ވަނީ ލާޒިމުކޮށްފައެވެ.
ޝާހިދު ވަނީ މިކަމާ ގުޅިގެން "މަޝްވަރާ އިސްކުރުމަށް" ސަރުކާރަށް ގޮވާލައްވާފައެވެ.
"އިޤްތިސާދުގެ މައިބަދަ އަކީ ކޮންމެ ޤައުމެއްގައި ވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށް ވާއިރު ސަރުކާރު ތަކުން ވިޔަފާރި އާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް ކަމުގައިދެކެން." ޝާހިދު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތާ މަޝްވަރާކޮށް ގޮތް ނިންމުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.