ނިމިިދޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި އިރު ކަންކަން ކުރައްވާފައިވާނީ ޤަވާއިދުތަކާއި އުސޫލާއި އެއްގޮތަށް ރަނގަޅަށް ކަމަށާއި މަތިން ބަޔަކު ގެނަޔަސް އަޅުގަނޑު ގޯސްކޮށް ކުރި ކަމެއް ނުދެއްކޭނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ބަޖެޓަށް ބަހުސްކުރުމުގެ ބަދަލުގައި ސަރުކާރުގެ މެމްބަރުން ބަޖެޓް ބަހުސް މަރުހަލާގައި ދައްކަނީ އެމްޑީޕީގެ އިސް ލީޑަރޝިޕަށް ފާޑުކިޔުމުގެ ގޮތުން ދައްކާ ވާހަކަދެއްކުން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ ލީޑަރޝިޕުން ޤައުމަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެފަދަ ފަރާތްތައް ހައްޔަރުކުރާނެކަމުގެ އިންޒާރު ޕީއެންސީގެ ބައެއް މެމްބަރުން ދަނީ ދެމުންނެވެ. އެގޮތުން އަމީރުވެސް ހިމެނޭހެން އެމްޑީޕީގެ އިސް ލީޑަރޝިޕްގެ މީހުން ހައްޔަރުކުރާނެ ކަމަށް ބައެއް މެމްބަރުން ބުނަމުންދާކަން އަމީރު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަަދައްކަވަމުން އަމީރު ވިދާޅުވި މި ސަރުކާރަށް ދެމެހެއްޓެނެވި ގޮތެއްގައި ކުރެވެނީ އެންމެ ކަމެއް ކަމަށެވެ. އެއީ ދޮގުހެދުމާއި މަކަރު ހެދުމާއި އޮޅުވާލުން ކަމަށެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ދާދި ފަހުން އިތުރުފުޅު ހައްދަވާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ މިނިސްޓަރުން އެކި ވާހަކަ ދައްކަވާ. އެއް ކަމެއް ވަރަށް ރަނގަޅަށް އެބަ ކުރޭ. އެއީ މަކަރު ހެދުމާއި، ދޮގު ހެދުމާއި އޮޅުވާލުން. އެންމެ ބޮޑު މަޝްރޫޢަކީ ރައްޔިތުންނަށް މަކަރު ހެދުމާ އޮޅުވާލުން. ކޮވިޑްގެ ހިލޭ އެހީގެ ގޮތުގަ ދިން 4 ބިލިއަނަށް ވީ ގޮތް ނޭނގޭ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި. މީގެ ކުރިން ވެސް ވަޒީރުކަން ކޮށްފަ ތިބި ބަޔަކަށް ދައުލަތް ހިނގާ ގޮތް ނޭނގެންޏާ ދެން މިކަންކަން ނުކުރަންވީ ނޫންތޯ؟ މި މެނޭޖްކުރާ ގޮތާ ދައުލަތަށް ހިލޭ އެހީ ލިބޭ ގޮތާ، މިކަންކަން ނޭނގޭ ނަމަ މިކަންކަމާ ނޫޅެ ގޭގަ ތިބެންވީ ނޫންހޭ. ހިލޭ އެހީ ޖަމާވަނީ ޕަބްލިކް ބޭންކަށް. ކޮންމެ ހަފްތާއަކު އެ ފައިސާ ޚަރަދުވާ ގޮތް ހާމަކުރިން. އެކަމަކު މި ބޭފުޅުން އެކަން ހުއްޓާލައިފި.ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
އަމީރު ވިދާޅުވީ ކޮވިޑް-19އިގެ ދުވަސްވަރު ލިބުނު އެހީ މެނޭޖްކުރި ގޮތް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެ ފައިސާ އަށް ވީ ގޮތް ނޭނގިގެން އޮޑިޓެއް ވެސް ކުރަން ނުޖެހޭނެ ކަމަށާއި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ވެސް އެ ލިޔުންތައް ފެންނަން ހުންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. ކޮވިޑް-19 އައި އިރު ވެރިކަމުގައި ޕީޕީއެމް، ޕީއެންސީ ނެތުން އެއީ ދިވެހިންގެ ނަސީބުކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވަނީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑު ބޭނުންކޮށްފައިވާތީ އެކަމާއި ގުޅިގެން ވެސް މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރަން ޖެހެނީ ރާއްޖެ ބަނގުރޫޓުވާ ހިސާބަށް ދިއުމުންކަމަށް ސަރުކާރުން ބުނާތީ އެކަމަށް ވެސް އަމީރު ވަނީ ފާޑު ވިދާޅުވެފައެވެ.