ކ. މާލެ
|
13 ނޮވެންބަރ 2024 | ބުދަ 23:30
މީރާ
މީރާ
ދައުލަތުގެ އާމްދަނީ
އޮކްޓޯބަރު މަހުގެ އާމްދަނީ 14.2 އިންސައްތަ ދަށަށް
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. މިގޮތުން ޖުމްލަ އާމްދަނީގެ 63.1 އިން ސައްތަ އަކީ ޖީއެސްޓީ ކަން ފާހަގަ ކުރެވެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 1.73 ބިލިއަން ރުފިޔާ ލިބުނު އިރު، އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14.2 އިންސައްތައިގެ ދަށްވުމެއް ކަމަށް ހިސާބުތަކުން ހާމަވެއްޖެއެވެ.

އެހެން ނަމަވެސް މިރާ އިން ބުނެފައި ވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އާމްދަނީ ލަފާކުރެވުނު އަދަދަށްވުރެ 30.5 އިން ސައްތަ އިތުރުވެފައިވާ ކަމަށެވެ. އެއީ، ލަފާކުރެވުނު އަދަދަށްވުރެ މަތިން މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) ދަށްކާފައިވާތީ ކަމަށް މީރާ އިން ބުނެއެވެ. މީގެ އިތުރުން ބިން ގަތުމާއި، ބިން ބަދަލުކުރުމުގެ ފީ އާއި ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކްސްގެ ވެސް އިތުރުވުން ވަނީ ފާހަގަ ކޮށްފައެވެ. ނުދައްކާ ހުރި ޖީއެސްޓީ ހޯދުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ވެސް އާމްދަނީ އިތުރުވުމަށް މުހިންމު ދައުރެއް އަދާކޮށްފައި ވާކަން މީރާ އިން ފާހަގަ ކުރެއެވެ.

މީގެ އިތުރުން، ސެޕްޓެމްބަރު މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.1 އިންސައްތަ ވަނީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން އޮކްޓޯބަރު މަހު ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކަށް އެކަށީގެންވާ ހެޔޮ އަސަރެއް ކޮށްފައިވެއެވެ. ސަރުކާރުން ރަށްތައް ކުއްޔަށް ދޫކުރުމާ ގުޅިގެން ލިބޭ، ބިން ގަތުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި ވެސް ލަފާކުރެވުނު އަދަދަށްވުރެ މަތިން އާމްދަނީ ވަނީ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. މިގޮތުން ޖުމްލަ އާމްދަނީގެ 63.1 އިން ސައްތަ އަކީ ޖީއެސްޓީ ކަން ފާހަގަ ކުރެވެއެވެ. ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިންކަމް ޓެކްސް އަދި ބިން ގަތުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އާމްދަނީގެ 6.7 އިންސައްތަ ހިއްސާކޮށްފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ. ބިން ގަތުމާއި ބަދަލުކުރުމުގެ ފީ އިން އާމްދަނީގެ 5.5 އިންސައްތަ ހިއްސާކޮށްފައިވެއެވެ.

ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް ބަލާއިރު، ޓޫރިސްޓް މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އިން ޖުމްލަ ޑޮލަރު އާމްދަނީގެ 61.3 އިންސައްތަ ހިއްސާ ކޮށްފައިވެއެވެ.

- ކޮމެންޓް