2025 ވަނަ އަހަރަށް ބަޖެޓު ހުށަހަޅާފައިވަނީ އެންމެ މުއްސަނދިމީހާ އަތުން ހޯދާފައި، އެންމެ ނިކަމެތި މީހާއަށް ލިބޭ ނިޒާމުގެ ދަށުން، އިގްތިސާދީ އަދުލުވެރިކަން ތަންފީޒު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ބައްޓަން ކޮށްފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، ސަބްސިޑީ ނިޒާމާއި، އާސަންދަ ނިޒާމާއި ޕެންޝަން ނިޒާމާއި، އަދި އެސް.އޯ.އީ ތަކާ ގުޅޭ މުހިންމު އިސްލާހުތައް ފަދަ، މި ގައުމުގެ ބައެއް ކަންކަމުގައި ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން ކަމަށެވެ. ނަމަވެސް، އެ ބަޖެޓުން، އެންމެ ނިކަމެތި މީހާއަށް، ނުވަތަ އެންމެ އެހީ މުހިންމުވާ މީހާއަށް މިހާރަށްވުރެވެސް ރަނގަޅަށް އެހީތެރިކަން ލިބޭނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ދިވެހިންގެ އިގްތިސާދީ ފުދުންތެރިކަމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް ފައިސާ ޗާޕުކޮށްފައިނުވާނެ ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް ފައިސާ ޗާޕުނުކުރާނެ ކަމަށެވެ. އަދި ދަރަނި ނަގައިގެން ޑެފިސިޓް ފައިނޭންސްކުރުންވެސް މި ސަރުކާރުން ވާނީ ނިމުމަކަށް ގެނެސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރަށް ލިބެން ޖެހި، ނުލިބިފައި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ފަށައި، އެ މަސައްކަތުން ހޯދުނު އަދަދުގެ އެހީގައި، ސަރުކާރުން ނަގަންޖެހޭ ދަރަނިވެސް ކުޑަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންލައްވާ މަސައްކަތް ކުރުވުމަށްފަހު ފައިސާ ނުދެވި ހުރި ފަރާތްތަކުގެ ތެރެއިން ފަސްމިލިޔަނުން ދަށުގެ ހުރިހާ ބިލުތަކެއް ދައްކާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުން މުއްސަނދިކުރަމުން އިގްތިސާދު ހަރުދަނާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިގްތިސާދު ސިންދަފާތުކޮށް، މާލީ ނިޒާމު އަދާހަމަކުރެއްވުމުގެ ގޮތުން، ބަންކަރިން ޚިދުމަތް ތައާރަފުކުރުމާއި، އިންޓަރނޭޝަނަލް ފައިނޭންސިން ސަރވިސަވް އޮތޯރިޓީ ގާއިމުކުރުމާއި، ޑިޖިޓަލް ކަރަންސީ ތައާރަފުކުރުމަށް މަސައްކަތް ފެއްޓެވުންފަދަ މަސައްކަތްތައް ކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ އާއި ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކޮށް، އިންޑިއާ އާއި އިނގިރޭސިވިލާތާއެކު އެފަދަ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރު ނިމުމާއެކު، އެއީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ހުޅުވޭ އެންމެ ބޮޑު ދޮރޯށިކަމުގައި ވާނޭކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ ބަޖެޓަށް ތައުރީފް ކުރައްވައި ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވިއިރު، އެ ބަޖެޓުގައި ރާއްޖޭގައި ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ހާމަކޮށްފައިނުވެއެވެ. އަދި ދަރަނި އިންތިހާއަށް ބޮޑުވެގެންދާނެ ގޮތަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުގައި ފައިސާ އަދަދު މަދުކޮށްފައިވާ ކަމަށް ބަޖެޓް ދިރާސާކުރާ ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއްގެ ގޮތުގައި މިސަރުކާރުން ސިފަކުރި ނަމަވެސް ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިމަނާފައި އޮތީ މިދިޔަ ތިން އަހަރަށް ވުރެ ވެސް ދަށް އަދަދެއްގެ ކަމަށް އަމީރު ވިދާޅުވިއެވެ.