ކަނޑައެޅިފައިވާ އިމްޕޯޓު މިންގަނޑުތަކާ ނުފެތޭ ދުންފަތުގެ އުފެއްދުންތައް ނައްތާލުމުގެ ޚަރަދު އުފުލަންޖެހޭނީ އެތަކެތި އިމްޕޯޓުކުރާ ފަރާތްތަކުން ކަމަށް ގަވައިދުގައި ހިމަނައިފިއެވެ.
މިކަން ގަވައިދުގައި ހިމެނީ "ދުންފަތުގެ އުފެއްދުންތައް ޕެކެޓް ކޮށް ލޭބަލް ޖެހުމާއި ބެހޭ ގަވާއިދު" އަށް ގެނެވުނު ތިންވަނަ އިސްލާހުގެ ތެރެއިންނެވެ.
މިހާރު ގެޒެޓްކޮށް އަމަލު ކުރަމުންދާ މި އައު ގަވައިދު ބުނާ ގޮތުން ނައްތައިލުމުގެ ޚަރަދު އެތަކެތި ރާއްޖެ ގެނައި ފަރާތުން ކަސްޓަމްގެ އާންމު ގަވައިދުގައިވާ ގޮތުގެ މަތިން ދައްކަން ޖެހޭނެއެވެ.
ޕޯސްޓު މެދުވެރިކޮށް ނުވަތަ އޯޑަރުކޮށްގެން ވިޔަފާރީގެ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ގަވައިދުގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ވެސް ޖުރިމަނާ ކުރުމަށްފަހު ނައްތާލެވޭނެ ކަމަށް ގަވައިދު ގައި ބުނެފައިވެއެވެ.
މި ބަދަލުގެ ދަށުން، އިމްޕޯޓުކުރުމަށް ހުއްދަކުރެވިފައިވާ ޝަރުޠުތަކާ ނުފެތޭ ދުންފަތުގެ އުފެއްދުންތައް ނައްތާލުމުގެ ޒިންމާ އުފުލާނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، މި ތަކެތި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ނައްތާލުމަށް ހިނގާ ޚަރަދާއި، އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި ހިނގާ އެހެނިހެން ޚަރަދުތައް ދައްކަންޖެހޭނީ އިމްޕޯޓުކުރާ ފަރާތްތަކުން ކަމަށް ވަނީ ބުނެފައެވެ.
މި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދުންފަތުގެ އުފެއްދުންތައް އިމްޕޯޓުކުރުމުގެ އިޖުރާއަތުތަކާ ޚިލާފުވުމާ ގުޅިގެން ކުރެވޭ ޖޫރިމަނާތައް ތަންފީޛުކުރާނީ ކަސްޓަމްސްއިންނެވެ. އަދި މި އިމްޕޯޓާ ގުޅުންހުރި މައްސަލަތަކުގައި ނުދައްކާ ހުންނަ ޖޫރިމަނާތައް ހޯދުމުގެ ޒިންމާވެސް އުފުލާނީ ކަސްޓަމްސްއިންނެވެ. ނަމަވެސް، އިމްޕޯޓުކުރުމުގެ މަރުޙަލާއިން ބޭރުގައި ހިނގާ ގަވައިދާ ޚިލާފުވުންތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާތައް ތަންފީޛުކުރުމާއި އެފަދަ ތަކެތި ނައްތާލުމުގެ ޒިންމާ އުފުލާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންނެވެ.
ޕޯސްޓުން ނުވަތަ ކޫރިއަރ މެދުވެރިކޮށް އަމިއްލަ ބޭނުމަށް އިމްޕޯޓުކުރާ ދުންފަތުގެ އުފެއްދުންތަކާއި، ރާއްޖެއަށް އަންނަ ފަސިންޖަރުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތައް ޝަރުތުތަކާ ޚިލާފުވިޔަސް މި ގަވައިދުގައިވާ ޖުރިމަނާ ކުރުމުން އިސްތިސްނާވާނެ ކަމަށް ގަވައިދުގައިވެއެވެ.
މި ގަވައިދަށް ގެނައި އައު ބަދަލުތަކަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.