ކ. މާލެ
|
30 އޮކްޓޯބަރ 2024 | ބުދަ 12:29
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތު މިނިސްޓްރީގެ އޮފިޝަލަކު ނަގަނީ
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ގުރުއަތު މިނިސްޓްރީގެ އޮފިޝަލަކު ނަގަނީ
މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ކުއްލި މައްސަލަ ބޭރުކޮށްލުން
ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި
މިކަން ކުރިއަށް ގެންގޮސްފައިވަނީ، ގޯތީގެ ހައްގުވެރިންނަށް ދުރާލާ އެންގުމަކާ ނުލައި
ގުރު ނަގާފައިވަނީ އެއްވެސް ހާމަކަމެއް ނެތް ގޮތަށް އަދި ރައްޔިތުންގެ މެދުގައި ނުތަނަސްވަކަމާއި، ޝައްކު އުފެދިގެންދާ ގޮތަށް

ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މެންބަރު މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބޭ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށް ގެންގޮސް، ގޯތި ލިބޭ ޕްލޮޓްތައް އެކަށައަޅައި، ގޯތީގެ ރަޖިސްޓްރީވެސް ގޯތީގެ ހައްގުވެރިންނަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ތިން ފަހަރު މަތިން ބަދަލު ގެނެސް، ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ޕްލޮޓްތައް ބަދަލުކުރުމަށް ނިންމައި، އެފަރާތްތަކަށް ލިބޭ ގޯތީގެ ޕްލޮޓް އަލުން ކަނޑައެޅުމަށްޓަކައި ގުރުއަތުނެގުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް އައު ޕްލޮޓްތައް އެކަށައެޅުމަށްޓަކައި ބޭއްވޭ ގުރުއަތު ނެގުން 29 އޮކްޓޯބަރު 2024 ގައި ފަށާފައިވާއިރު، މިކަން ކުރިއަށް ގެންގޮސްފައިވަނީ، ގޯތީގެ ހައްގުވެރިންނަށް ދުރާލާ އެންގުމަކާ ނުލައި ކަމަށާއި ގޯތީގެ ހައްގުވެރިންނަށް ގުރުނެގުމުގައި ބައިވެރިނުވެވޭ ގޮތަށް، ސީދާ މިނިސްޓްރީގެ އޮފިޝަލުން ގުރުނަގާގޮތަށް ހަމަޖައްސުމަކީ، ކޮރަޕްޝަނަށް މަގުފަހިވެ، ގޯތީގެ ހައްގުވެރިންގެ މުދަލަކަށް ނުހައްގުން އަރައިގަތުމުގެ ފުރުސަތު ހުޅުވިގެންދާ ގޮތަށް ކުރަމުންދާކަމަކަށް ވެފައި، އެއްވެސް ހާމަކަމެއް ނެތް ގޮތަށް އަދި ރައްޔިތުންގެ މެދުގައި ނުތަނަސްވަކަމާއި، ޝައްކު އުފެދިގެންދާ ގޮތަށް މިކަން ކުރިއަށްގެންދަމުންދާ ދިޔުމަކީ، އެތަށް ހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނާނެ ކަމެއްކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

އަދި ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔެއްގެ މެދުގައި ކަންބޮޑުވުން އުފެދި މިކަމާ ނުރުހުން ފާޅުކޮށްފައި ވާތީއާއި މި ސަރުކާރަށް 10 މަސް ދުވަސް ވެގެން ދިޔައިރު ވެސް، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ރަޖިސްޓްރީ ހަވާލުކޮށްފައިވާ ގޯތީގެ ހައްގުވެރިންނަށް ގޯތި ހަވާލުކުރުން ލަސްވަމުންދަނީ، ފަޅާއި ކަނޑުން "ވުޖޫދުގައި ނެތް" ގޯތި ތަކެއް ދީފައިވާތީކަމަށް ބުނެ، ތަކުރާރުކޮށް ކުރީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަށްފަހު، މި ސަރުކާރުން އަންގާރަ ދުވަހު ގުރު ނެގުން ކުރިއަށް ގެންދިޔަ ގޯތި ތަކަކީވެސް "ނުހިއްކާ އޮތް ފަޅަކުން" ދީފައިވާ ތަންތަން ކަމަށް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ގޯތި ދިނުމުގެ މަސައްކަތް ލަސްވަމުން ދަނީ ކުރީ ސަރުކާރުން އަމަލުކުރި ގޮތެއްގެ ސަބަބުން ކަމަށް ބުނަމުންދިޔަ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ހާމަވެފައިވާ ކަމަށާއި، ބިންވެރިޔާ ސްކީމާ އެކުއެކީގައި ކުރީ ސަރުކާރުން ހިންގާފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ޝާއިއު ކުރުމަށްވެސް ތަފާތު އެކި ތާރީހުތަކުން ދެމުން ގޮސްފައި ވީނަމަވެސް، މިއަދާ ހަމައަށްވެސް، ފްލެޓް ލިސްޓް އާންމުކޮށްފައި ނުވަނީ، އެ ލިސްޓް ގަޑުބަޑުކޮށް، އޭގެ ސައްހަކަން ނަގާލުމުގެ ނިޔަތުގައިކަން ހާމަވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނަގޮތަށް ސަރުކާރުން ހިންގަމުންދާ އެންމެހައި އަމަލުތައް ކުށްވެރިކޮށް، މި ހައްގު ނިގުޅިގެންދާ ގޮތަށް ކުރިއަށްގެންދާ ގުރުނެގުމުގެ އިންތިޒާމުތައް ހުއްޓުމަކަށް ގެނެސް، ދެފުށްފެންނަ އަދި ހާމަކަން ބޮޑު ގޮތަކަށް މި އިންތިޒާމުތައް ހިންގުމަށާއި، އިތުރު ލަސްތަކަކާ ނުލައި، ގޯތީގެ ވެރިފަރާތްތަކަށް ގޯތި ހަވާލުކުރުމަށް ގޮވާލުމާއެކު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، މައްސަލަ ހުށަހަޅާފައިވެއެވެ.

ނަމަވެސް މަޖިލީހުގައި ހާޒިރުވެ ތިއްބެވި އެމްޑީޕީގެ 10 މެންބަރުން ފިޔަވައި ސަރުކާރަށް ނިސްބަތްވާ 46 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

- ކޮމެންޓް