ކުރީގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލައުލަތުން ކޮށްފައިވާ ދަޢުވާގެ މައްސަލަ އަނެއްކާވެސް ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ، ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ދިން މުއްދަތު ހަމަވުމަށްފަހު މައްސަލަ ހުށަހެޅުމުންނެވެ. ހައި ކޯޓުން މައްސަލަ އަލުން ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ ސެޕްޓެމްބަރު 19 އިން ފެށިގެން 15 ދުވަހެވެ. ނަމަވެސް ޕީޖީން މައްސަލަ ހުށަހަޅާފައި ވަނީ ދިން މުއްދަތު ފަހަނައަޅާ ދިޔަތާ ދެ ދުވަސް ފަހުންނެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަކީ، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސޮއިކުރެއްވި މައްސަލައިގައި "ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ" އެވެ.
މި މައްސަލައިގައި ޖިހާދު ސޮއިކުރެއްވި އެއްބަސްވުމުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. ނަމަވެސް ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިންގ ކައުންސިލުން ލަފާ ދީފައިވެއެވެ.
ކުރިން މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ ދަޢުވާއެއްގައި ހުންނަންޖެހޭ އަސާސީ ކަންކަމާއި ތަޙުޤީޤު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައިފައެވެ. އޭގެފަހުން ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ އޯގަސްޓު 12، 2024 ގައެވެ.
މިހާރު ހައި ކޯޓުން މި މައްސަލަ އަނެއްކާވެސް ބޭރުކޮށްލުމާ ގުޅިގެން، މި މައްސަލައިގެ ކުރިއަށް އޮތް މަރުޙަލާތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.