5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފިއެވެ.
ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 1 މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓުދެއްވައިފައެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ވޯޓުދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.
ކޮމިޓީން ބަޖެޓް ފާސްކުރުމުން އަނެއްކާވެސް ބަޖެޓް ފޮނުވާނީ ތަޅުމަށެވެ. އަދި ބަޖެޓު ފާސް ކުރުމާ ގުޅޭ ގޮތުން ބަހުސްކޮށް، ތަޅުމުން ގޮތެއް ނިންމާނެއެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129(ފަސް ބިލިޔަން އެއް ސަތޭކަ ނަވާރަ މިލިޔަން ފަސްލައްކަ އަށްހާސް އެއް ސަތޭކަ ނަވާވީސް) ރުފިޔާއެވެ. ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހުށަހެޅުއްވި 5.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއާއެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ. މިއަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓުން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އެ ހަރަދުތަކަކީ މުސާރައާއި، މެޑިކަލް ސަޕްލައި، ބޭސްފަރުވާގެ އެހީ އަދި ސަބްސިޑީއެވެ.
- މުސާރައަށް 24.4 މިލިއަން ރުފިޔާ
- މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
- ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
- ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
ބަޖެޓުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.
- ބިން ހިއްކުން އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާ - 2 ބިލިއަން ރުފިޔާ
- ކެޕިޓަލް ކޮންޓްރިބިއުޝަން - 441 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ - 650 މިލިއަން ރުފިޔާ
- ސްޓޫޑެންޓް ލޯނު - 458.4 މިލިއަން ރުފިޔާ
ސަޕްލިމެންޓަރީ ބަޖެޓުގެ ޑެފިސިޓަކީ 4 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ބަޖެޓު ޑެފިސިޓަކީ 18 ބިލިޔަން ރުފިޔާއެވެ.