ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް އެފަދައިން ވިދާޅުވީ އައްޑޫ ބްރޭންޑް ލޯންޗިން ޖަލްސާގައި ހުކުރު ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.
އައްޑޫސިޓީގެ ބްރޭންޑް ލޯންޗްކުރުމަކީ މުހިންމު މަސައްކަތެއް ކަމަށް ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެއީ ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ނެތް ތަންތަނުގައި ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. މީގެ އިިތުރުން ސަރުކާރުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ބެލުން އެންމެ ރަނގަޅު ކަަމަށް ޤަބޫލު ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެހެން އެކަން ފާހަގަކުރެއްވި ސަބަބެއް ފައިސަލް ހާމަކޮށްދެއްވާފައެއް ނުވެއެވެ. އިތުރަށް ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އައްޑޫ، ފުވައްމުލައްގެ އިތުރުން ގއ. އާއި ގދ. އަށް ފަތުރުވެރިކަން އެކަށީގެންވާ ގޮތެއްގައި ގެނެސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެ މަސައްކަތަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަނެކްޓިވިޓީ ކަމަށް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ޓުއަރިޒަމް އެންމެ ފައްކާވެފައިވާ ހިސާބުތަކާއި އެއް ހަމައަކުން ޓެކްސް ނެގުމާއި، އިންވެސްޓަރުންނަށް އޮތް ފުރުސަތުތައް ކުޑަވުމަކީ ވެސް ދިމާވާ ގޮންޖެހުމެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޓުއަރިޒަމް ނެތް ތަންތަނަށް ޓުއަރިޒަމް ގެންދިއުމަށް މަސައްކަތް ކުރަން. އަޅުގަނޑު މަޤާމާއި ހަވާލުވެގެން މަހެއްހާ ދުވަސްތެރޭ ބީއެމްއެލް އާއި އެސްޑީއެފްސީ އަދި އިސްލާމިކް ބޭންކާއި ބައްދަލުކޮށްފަ ވާނެ. އެއީ އިންވެސްޓް ކުރާ މީހުންނަށް ފަންޑަށް ހުރި އެކްސެސް ކުޑަވީމަ. ވޯލްޑް ބެންކާއި ވެސް މަޝްވަރާކުރިން. އަންނަ އަހަރު އިރާދަކުރެއްވިއްޔާ އެކަން އަންނަ އަހަރު ވާނެ. އައްޑޫ އެއާޕޯޓް ކުންފުނީގެ އެއް ހިސާދާރާއި ބައްދަލުކުރިން. އެއީ ކާސާ ލޯންޑިންސް އާއި. އެ ބޭފުޅުން ވެސް ބޭނުންވޭ ގާތްގަނަޑަށް 150 ވަރަކަކަށް އެނދު ތަރައްޤީކުރަން. އެކަމުގަ ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން އެބަ ހުރި. ރައީސްގެ ވައުދެއް އައްސޭރި ޓުއަރިޒަމް. އައްޑޫގަ ހުރީ 1100 އެއްހާ އެނދު.ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
ފައިސަލް ވަނީ އެނދު އިތުރު ނުކޮށް ކަނެކްޓިވިޓީ ވަރުގަދަކޮށްގެން ފަތުރުވެރިކަން ކުރިއެރުވިދާނެ ކަމަށް ވިދާޅުވެފައެވެ. އެ މަގްސަދު ހާސިލްކުރުމަށް އާއްމުން ހޭލުންތެރިކުރުވުން މުހިންމު ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި އެމްއެމްޕީއާރްސީގެ ދައުރުވެސް އޮތް ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ. އައްޑޫގައި އަންނަ އަހަރު ޓުއަރިޒަމް ސިމްފޯސިއަމް އެއް ބާއްވަން ވިސްނަވާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެ ސިމްފޯސިއަމްގައި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހިމަނާނެ ކަމަށާއި އެންމެން އެކުގައި މަސައްކަތް ނުކޮށް އެކަން ހައްލު ނުވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެ މަސައްކަތް ކުރިއަށް ގެންދާނީ ފުރަތަމަ ކުއާޓަރ ނުވަތަ ދެވަނަ ކުއާޓަރގެ ތެރޭގައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވަނީ އައްޑޫ އަށް ފަތުރުވެރިން ޒިޔާރަތްކުރަން ޖެހޭ ސަބަބުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އަދި އައްޑޫ ސަރަހައްދުގައި 5000 ވަރަކަށް ފަތުރުވެރިކަމުގެ އެނދު ހުރި ނަމަ އައްޑޫ އެއާޕޯޓުގެ ފުރިހަމަ ބޭނުން ހިފޭނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.