ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 17:16
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓް ހުށަހަޅުއްވަނީ
މަޖިލިސް
ސަޕްލިމެންޓަރީ ބަޖެޓް
ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ، މި ސަރުކާރުން ބޭނުންވާގޮތަށް މޮޑުނު ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ތަސައްވުރާއި ވިސްނުން ހިމެނިފައި ނުވާތީ - ޒަމީރު
ބަޖެޓުން ހަރަދުވެފައިވަނީ ފާސްކުރި މިންވަރުގެ 76 އިންސައްތަ ނުވަތަ 38 ބިލިއަން ރުފިޔާ
ސަރުކާރުގެ ތަސައްވުރާއި ވިސްނުން މި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައި ނުވާކަމަކީ ސަޕްލިމަންޓަރީ ބަޖެޓެއް ތައްޔާރުކުރަންޖެހުނު އެއް ސަބަބު

5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅީ، މި ސަރުކާރުން ބޭނުންވާގޮތަށް މޮޑުނު ދައުލަތުގެ ބަޖެޓުގައި ސަރުކާރުގެ ތަސައްވުރާއި ވިސްނުން ހިމެނިފައި ނުވާތީ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

50 ބިލިއަން ރުފިޔާގެ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުސްވެ، ސަރުކާރުން އިތުރަށް ހަރަދުކުރަން ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު ފާސްކޮށްފައިވަނީ ސަރުކާރު ބަދަލުވުމުގެ ކަންކަން ހިނގަމުންދިޔަ އިންތިގާލީ މަރުހަލާގައި ކަމަށެވެ. އަދި މި ބަޖެޓު ތައްޔާރުކޮށްފައިވަނީ ނިމިދިޔަ ސަރުކާރުން ކަމަށާއި، މި އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓްރީ ބަޖެޓެ ހުށަހަޅަނީ މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ހަރަދުކޮށް ނިނުމުގެ ކުރިން މާލިއްޔަތުގެ ގާނޫނުގައިވާ ގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ހަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުން ހަރަދުވެފައިވަނީ ފާސްކުރި މިންވަރުގެ 76 އިންސައްތަ ނުވަތަ 38 ބިލިއަން ރުފިޔާ ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓާއެކު ހުށަހެޅޭނެ އެއް ސުވާލަކީ، އަހަރުގެ މިހާތަނުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ ކީއްވެގެންތޯ؟ އެގޮތުން، ރައީސް މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައި ނުވާކަމަކީ ސަޕްލިމަންޓަރީ ބަޖެޓެއް ތައްޔާރުކުރަންޖެހުނު އެއް ސަބަބު. އަދި ހަމައެހެންމެ މުހިންމު ފިސްކަލް ރިފޯމްތަކެއް މިއަހަރުގެ ޖުލައިމަހުން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ބަޖެޓުގައި އަންދާޒާކޮސްގެން ފާސްކޮށްފައިވީނަމަވެސް، ބަޖެޓުގައި ބަޔާންކުރާ މައިގަނޑު ރިފޯމްތަކާ ގުޅޭ މަސައްކަތްތައް ހުރީ ފުރިހަމައަށް އެކުލަވާނުލާ. މިއާއެކު މި ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތައް ނިންމަން ވަގުތު ނެގި. އަދި މިކަމަށް ހޭދަވި މއުްދަތުގައި ރައްޔިތުންނަށް ލިބެމުންދިޔަ ހިދުމަތްތަކާއި އެހީތައް މެދުނުކެނޑި ކުރިއަށް ގެންދަންބޭނުންވާތީ، މިއީވެސް ބަޖެޓް ސަޕްލިމެންޓް ކުރަންޖެހޭ ސަބަބެއް.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ފިނޭންސް މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރުގެ ބިލްތަކަށް ފައިސާ ދެއްކުމަށާއި، އަލަށް ފަށާފައިވާ މެގަ މަޝްރޫއުތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުމަށާއި، އަންޑަ-ވެލިއު ކޮށްގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ޖާގަ ހޯދަންޖެހުމަކީވެސް ސަޕްލިމެންޓް ހުށަހަޅަންޖެހޭ ސަބަބެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ތެރެއިން، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައިވަނީ 27 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓުގައި އަންދާޒާކޮށްފައިނުވާ އާމްދަނީ އާއި، 1 ނޮވެމްބަރު 2024 އިން ފެށިގެން ސިނގިރެޓާއި ބިޑީގެ އިމްޕޯޓް ޑިއުޓީގެ ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާތީ، އަހަރު ނިމޭއިރު އާމްދަނީގެ ގޮތުގައި ލިބޭނެ މިންވަރު ފާސްކުރި ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ހުށަހެޅި 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރުގެ 55 ބިލިއަނަށް ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރުވެގެންދާނެއެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގެ އާމްދަނީ ހިމަނައިގެން މިއަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 34 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓް ޑެފިސިޓް އަދި ސަޕްލިމެންޓަރީ ބަޖެޓާއެކު އިތުރު ވެގެންދާނީ 18 ބިލިޔަން ރުފިޔާއެވެ.


Advertisement
- ކޮމެންޓް