ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 22:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
އިގްތިސާދީ އިސްލާހީ އެޖެންޑާ
ރައީސް މުއިއްޒު މުސާރައިގެ 50 ޕަސަންޓު ދެ އަހަރު ވަންދެން ނުނަންގަވަން ނިންމަވައިފި
12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވާނެ
ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ
މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު ދެ އަހަރު ވަންދެން ނުނަގަންވަން ނިންމަވައިފިއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުސާރައާއި ގުޅޭ ގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށްވާނީ ނިންމާފައިވާ ފިޔަވަޅުތަކަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އުނިކުރުމާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި، ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދޭނެ ކަމަށެވެ. އަދި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް ނުނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މާލީ ހަލަތު ދަށްވެފައިވާކަން ހާމަކުރައްވައި މީގެ ކުރިންވަނީ 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ވަނީ ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އެ މަގާމުތަކުން އެބޭފުޅުން ވަކި ކުރެއްވުމަށްފަހު އިތުރު މަގާމުތަކަށް އެބޭފުޅުން ހަމަޖައްސަމުން ގެންދާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.


Advertisement
- ކޮމެންޓް