އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސެންޓްރަލް ޕަވާ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު މަޖިލީހުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ އެ ސިޓީގެ ސެންޓްރަލް ޕަވާ ހައުސްގައި މިހާރު ޚިދުމަތް ދެވެނީ 12.1 މެގާވަޓްގެ ކެޕޭސިޓީގައި ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ޕީކް ޑިމާންޑް މިހާރުވެސް ހުރީ 12.2 މެގާވަޓްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި ވަގުތު ވެސް އައްޑޫގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 13 ޖަނަރޭޓަރު ބޭނުންކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ޖެނެރޭޓަރުތަކުގެ ތެރެއިން ދެ ޖަނަރޭޓަރުގެ އޯވަރ ހޯލް ކުރުމުގެ ޕްރޮކިއުމެންޓްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް އަވަސްކުރާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް 1.2 މެގާ ވޯޓްގެ ޖަނަރޭޓަރެއް ގަތުމަކީ ވެސް އެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން 32 މެގާވޮޓްގެ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެކަން ފްލޭންކޮށްގެން ޓެންޑާކޮށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓަކާ ވަރަށް ބޮޑު ހަރަދެއް ހިނގާތީ ފައިނޭންސް މަސައްކަތް ކުރުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތާއި އެކު އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.