ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 13:19
އެމްޑީޕީ ހަރުގެ ޖަލްސާގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ
އެމްޑީޕީ ހަރުގެ ޖަލްސާގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ
އެމްޑީޕީ
މި ސަރުކާރު ފެއިލްވުން
މި ސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފައި، ހަމަ މަގަށް އެޅުވުމަށް ރައްޔިތުން ނުކުންނަން ޖެހޭ: އަހުމަދު އަބްދުﷲ
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަކަރު ހަދައި، ރައްޔިތުންނަށް ދޮގު ހަދައިގެން
މިހާތަނަށް މިގައުމުގައި ހިނގާފައިވާ ކަންކަމުން މިއީ ދައުލަތް ހިންގަން ނޭނގޭ ބައެއްކަން ހާމަވޭ
މި ސަރުކާރުގައި މަސްވެރިން ވަނީ ދަރުވާލާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، ހަމަ މަގަށް އެޅުވުމަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވެވަޑައިގެންނެވި މިސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށާއި، މިއީ ނާގަބިލް ސަރުކާރެއް ކަމަށެވެ. މިހާތަނަށް މިގައުމުގައި ހިނގާފައިވާ ކަންކަމުން މިއީ ދައުލަތް ހިންގަން ނޭނގޭ ބައެއްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އަބްދުﷲ ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަކަރު ހަދައި، ރައްޔިތުންނަށް ދޮގު ހަދައިގެން ކަމަށެވެ. މިސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ ވެވަޑައިގެންނެވި ވައުދާ ސިޔާސަތުތަކާއި ހިލާފުވެފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިންނަށް ވެފައިވާ ވައުދަށް އިޝާރާތް ކުރައްވައި އަހުމަދު އަބްދުﷲ ވިދާޅުވީ މިސަރުކާރުގައި މަސްވެރިން ދަރުވާލާފައިވާ ކަމަށެވެ. މިއަދު މަސްވެރިންގެ ފައިސާ ހޯދުމަށް ސަރުކާރުގެ ފަހަތުން ދުވަންޖެހޭ ކަމަށާއި، އުޖޫރަ ލިބެނީ މުޒާހަރާއަށް ނުކުތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ދިރިއުޅުމުގެ އެންމެހައި ކަންކަން ކުރުމަށް އެއްވެސް ތާށި ކަމެއް ނެތި ޑޮލަރު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޔުނިވާސިޓީއަށް ދައްކަންޖެހޭ ޑޮލަރުގެ ފައިސާ ވެސް ސަރުކާރުން ނުދީ އެކަމުގެ ތަކުލީފު ދަރިވަރުން އުފުލަންޖެހިފައިވާ ކަމަށެވެ. އަދި ކްރެޑިޓް ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓް އުވާލުމަށް އައި ސަރުކާރުގެ ސަބަބުން ކާޑު ބޭނުންނުކުރެވި އެކަމުގެ އުދަނގޫ ވެސް ރައްޔިތުން އުފުލަންޖެހިފައިވާ ކަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިކަން އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް އަހުމަދު އަބްދުﷲ ވިދާޅުވީ ޑޮލަރު ރޭޓް ދަށްނުވާ ކަމަށާއި، ދަށް ކުރަން އައި ސަރުކާރުގައި ޑޮލަރު އަގު އިންތިހާއަށް އުފުލެމުންދާ ކަމަށެވެ. އަދި މިހާރު ޑޮލަރުގެ އަގު ހުރީ 18:00 ރުފިޔާއަށް ވުރެ މަތީގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެންޕޭންގެ ތެރޭގައި ވަރަށް ހަރު އަޑުން ވަރަށް ބާރަށް ވިދާޅުވަމުން ގެންދެވި ގޮވަމުން ދިޔަ އެއް ގޮވެލި ފައްޗަކީ މަސްވެރިން ހެއްވާލާނަމޭ. މަހުގެ އަގު 20 ރުފިޔާއަށްވުރެ ތިރިވިޔަކަށް ނުދޭނަމޭ. އަދި ކިރުވާ މަހަށް 48 ގަޑިއިރު ނުވަނީސް ފައިސާ ދޭނަމޭ. ޑޮލަރު ވެސް ދޭނަމޭ. ކިހިނެތްތޯ ވީ. ކިރި މަސްކޮޅަށް ލާރިއެއް ނުލިބުނު. މަސްވެރިން ދަރާ ވިކި ހުސްވެއްޖެ. ކަންމަތީ ފިހާރަތަކަށް މަސްވެރިން ދަރާފި. 20 ރުފިޔާއަށް ބުނި މަސް 20 ރުފިޔާއަށް ނުގަނެވުނު. މިހާރު އަގު ހުރި ވަރެއް މަސްވެރިންނަށް ވެސް ނޭނގޭ. ދެކޮޅެއް ނުޖެހޭ. ޑޮލަރުން ދޭން ބުނި ފައިސާ ޑޮލަރުން ނުދެވުނު. އެހެންވީމަ މިދެންނެވުނު ސިޔާސަތު ބޮޑުތަނުން އެއޮތީ ފެއިލްވެފައި.
ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ

އަހުމަދު އަބަދުﷲ ވިދާޅުވީ މިސަރުކާރުން ނުކުރާނަމޭ ބުނި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރައްޔިތުން ވަޒީފާއިން ވަކިނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އާދައިގެ މުވައްޒަފުން ވަކިކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ފްލެޓާއި، ގޯތި އަތުނުލާނެ ކަމަށް ވިދާޅުވި ނަމަވެސް އޭގައި ވެސް ވާނުވާ މިހާތަނަށް އައިރު އަންގާފައިނުވާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްސްއާއި، ކަސްޓަމްސް ޑިއުޓީ ބޮޑުނުކުރާނެ ކަމަށް ސިޔާސަތު ކަނޑައެޅި ނަމަވެސް މިހާރު ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކާނާގެ ބާވަތްތަކުންނާއި، ކުޑަކުދިންގެ އައިޓަމްތަކުން ކަސްޓަމްސް ޑިއުޓީ ނުނެގި ނަމަވެސް މިސަރުކާރުން އެވެސް ނެގުމަށް ނިންމާފައިވާ ކަމަށާއި، އަދިވެސް އިތުރު ބާވަތްތަކުން ޑިއުޓީ ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން ވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވެ، ބަރުވެގެންދާނީ ރައްޔިތުންގެ ޖީބަށް ކަމަށެވެ.

މީގެ އިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ ދުބާއީ، ތައިލެންޑްއިން އާސަންދަ ދިނުމަށް އައި ސަރުކާރުގައި އާސަންދަ އަދި އެންސްޕާ ޚިދުމަތަށް ސަލާން ޖެހުމަށް މަޖުބޫރުކޮށްފައިވާ ކަމަށެވެ. ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން އާސަންދަ ޚިދުމަތް ލިބުނު އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން އާސަންދަ ޚިދުމަތް ކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުން ރައްޔިތުންނަށް ދެއްކި ފޮނިހުވަފެންތަކާއެކު ވެރިކަމަށް އައިސް ދިމާ އިދިކޮޅަށް މަސައްކަތް ކުރަން ފެށުމުން މިސަރުކާރު ހަމަ މަގަށް އެޅުމަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް