އަޖޭދޭވްގަންގެ އާ ފިލްމު "ރެއިޑް" އަންނަ މަހުގައި ފަށާނެކަމަށް ރާޖްކުމާރް ގުޕްތާ ބުނެފިއެވެ.
އަޖޭ މި ފިލްމު ކުޅުމަށް ސޮއިކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ.
ރާޖްކުމާރު ގުޕްތާ ބުނީ މި ފިލްމަކީ ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް ބިނާ ކުރާނެ ވާހަކައެއް ކަމަށާއި ކޮންމެހެން ވެސް ބެލުންތެރިންނަށް އެ ޥާހަކަ ފިލްމުން ކިޔައިދޭން ޖެހޭ ކަމަށެވެ. އެއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިނގާފައިވާ ހާދިސާއެއް ކަމަށާއި އިންކަމް ޓެކްސް ދައްކަން ދެކޮޅުހަދާ ބައެއް އަތުލައިގަންނަން ކުރާ މަސައްކަތް މިފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެހެން ކަމުން އެ ފިލްމުގެ ޝޫޓިން ފަށަން ވަރަށް ބޭނުންވެފައި ހުރިކަމަށާއި އަންނަ މަހުގައި އެ ފިލްމުގެ ޝޫޓިން ފަށާނެކަމަށެވެ.
ރާޖްކުމާރް ގުޕްތާ ބުނީ މި ފިލްމުގައި އަޖޭ ކުޅޭނީ އޮފިސަރެއްގެ ރޯލު ކަމަށެވެ.
ޑާކް ތީމްތަކަށް ފިލްމް ހަދަން މަޝްހޫރު ގުޕްތާ އެންމެ ފަހުން ގެނެސް ދިން ފީޗާ ފިލްމަކީ އިމްރާން ހާޝިމީ އާއި ވިދިޔާ ބާލަން ލީޑް ރޯލް ކުޅުނު ޑާކް ކޮމެޑީ ގަންޗައްކަރު (2013) އެވެ. އެކަމަކު އެއީ ބޮޑު ފްލޮޕެކެވެ.މިއަހަރުގައި އަޖޭގެ ދެ ފިލްމެއް ނިކުންނާނެއެވެ. އެއީ ސެޕްޓެމްބަރުމަހުގައި ނިކުންނަ "ބާދްޝާހޯ" އާއި އޮކްޓޯބަރުގައި ރިލީޒް ކުރާ "ގޯލްމާލް އެގެއިން" އެވެ.