ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 14:57
ބ. ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް  ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަދައްކަވަނީ
ބ. ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވާހަކަދައްކަވަނީ
ޕޮލިސް
ފުލުހުން ޚިދުމަތުގެ ފެންވަރު ރަނގަޅުވުން
ފުލުހުން ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ދަނީ ގެންނަމުން: ސީޕީ ޝުޖާއު
ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދައިދިނުމަކީ އަމާޒެއް
ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމުވާނެ
ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ބޭނުންވޭ

ފުލުހުން ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ބ. ކެންދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ ޝުޖާއު ވިދާޅުވީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާތައް ފުރިހަމަގޮތުގައި އަދާކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދައިދިނުމަކީ އަމާޒެއް ކަމަށެވެ.

ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމަކީ އަމާޒެއް ކަމަށާއި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ބަދަލުތައް ގެނައުމަށް މަސައްކަތްތައް ފަށައި، ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ސީޕީ ޝުޖާއު ވަނީ 2016 މެއި 6 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ޚިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީ ކުރެވިގެން ގޮސްފައިވާތީ އެކަމަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. މިއީ ކެންދޫއަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި، އެރަށަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއް ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަން ފާހަގަކުރައްވައި ސީޕީ ޝުޖާއު ވިދާޅުވީ ގައުމަށް ބޭނުންވަނީ އެއްބައިވަންތަ މުޖުތަމައުއެއް ކަމަށެވެ. ހަމަ އެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުވުން މުހިންމުވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް، ގާނޫނު ތަންފީޒުކުރުމުގެ އިތުރުން ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.

މިއަދު މި ހުޅުވޭ ފުލުހުންގެ މަރުކަޒަކީ މި ހުރިހާ ކަމެއް ޔަގީން ކުރުމަށް ހުޅުވޭ ދޮރާއްޓެއް. މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ ކުށްވިޔަ ނުދިނުމަށް މުޖުތަމައާ ގުޅިގެން މަސައްކަތްކުރުން. އަދި ކުށް ފާޅުވުމުގެ ކުރިން، ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުމާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން މިރަށުން ފެނިގެން ދިއުން.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

ކެންދޫ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް