ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 10:26
ހުޅުމާލޭގައި ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓްވި ކާރެއް
ހުޅުމާލޭގައި ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓްވި ކާރެއް
ޓްވިޓަރ
ސަމާހުގެ މަރުގެ މައްސަލަ
ސަމާހު މަރުވި އެކްސިޑެންޓާއި ގުޅިގެން ވިސާމް ބަންދުކުރީ ރަނގަޅަށް - ހައިކޯޓް
ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ހުޅުމާލޭ ކޯޓުގެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށް
ވިސާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ

ހުޅުމާލެ ސެންޓަރަލް ޕާކު ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މުހައްމަދު ވިސާމް ސިދުގީ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން ވައިލެޓްފެހި، ސ.ހިތަދޫ 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގާޒީ ވަނީ އަމުރުކުރަައްވާފައެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން ސައިކަލުގައި ޖެހުމުންނެވެ. ސައިކަލު ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ. އޭނާގެ މޫނަށާއި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވިއެވެ.

މި މައްސަލަ އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅީ ވިސާމެވެ. އިސްތިއުނާފީ 2 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެއީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ އެކޯޓުގެ އިޚްތިޞާޞް ނެތ،ި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 53 ވަނަ މާއްދާއާއި 66 ވަނަ މާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި، ކޯޓު އަމުރު ނެރުއްވުމުގައި ފުލުހުން ކަންހިނގައިދިޔަ ގޮތުގެ މައުލޫމާތުދިނުމުގައި ކަނޑައެޅިގެން ޞައްޙަ ނޫން މައުލޫމާތު ހިމެނިފައި އޮތުމާއި، އިސްތިއުނާފުކުރެވޭ ކޯޓު އަމުރު ނެރެފައިވަނީ އެ މައުލޫމާތަށްވެސް ބަރޯސާވެގެން ކަމުގައިވުމާއި، އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަނޑައަޅާފައިވާ އިންސާފުން ޝަރީޢަތްކުރެ ވުމުގެ ޙައްޤު މުޙައްމަދު ވިސާމު ޞިދުޤީއަށް ގެއްލިފައިވުމާއި އެއަމުރަކީ އެމާއްދާއާ ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ވިސާމުގެ ފަރާތުން އެދިފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ ބަންދުން މިނިވަންކޮށްދިނުމަށެވެ.

ނަމަވެސް ދައުލަތުން ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދީ، ވިސާމު ބަންދުން މިނިވަންކުރާނެ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

ހުށަހެޅުނު މައްސަލައާއި ގުޅިގެން ދަށުގެ ކޯޓުން ވިސާމް ބަންދުކުރުން ނިންމާފައިވާ ނިންމުމަށް ބަލާއިރު، ތަކުރާރުކޮށް ލައިސަންސް ނެތި ދުއްވުމުގެ ހިސްޓަރީއެއް އޮތުމާއި، އިސްތިއުނާފުކުރާ ފަރާތުން ބާރު ސްޕީޑެއްގައި އުޅަނދު ދުއްވާފައިވާ ދުއްވުމުގެ މައްޗަށާއި، އެކްސިޑެންޓްގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިފައިވުމުގެ މައްޗަށްކަން އެނގޭކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.

އަދި މުއްދަތުގެ މަޖިލީހުގެ ދެކެވުނު ވާހަކަތަކުގެ ރެކޯޑިންގް އަށް ބަލާއިރު، ނިޔާވި ފަރާތުން އުޅަނދު ދުއްވާފައިވަނީ، ވަންވޭ އެއްގެ އިދިކޮޅަ ށްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ފުލުހުން ބަޔާންކޮށްފައިވަނީ، އެހިނދަށް ލިބިފައިވާ ވީޑިއޯ ފްޓޭޖުންނާއި ސްކެޗުންނާއި ހެކިންގެ ބަޔާނުން އެނގެނީ، ތުހުމަތުކުރެވޭ ފަރާތް ބާރު ސްޕީޑެއްގައި ދުއްވާފައިވާ ކަމެވެ. އަދި ކާރުގެ ބަފަރަށް ގެއްލުން ލިބިފައިވުމުން ކާރު ސައިކަލުގައި ޖެހުނީ ކަމަށް ބެލެވޭ ކަމަށެވެ. އަދި، އެއީ ތުހުމަތުގެ ވަރަށް ކުރީ މަރުޙަލާ ކަމުގައި ވުމުން އެހިނދަށް ކަށަވަރުކުރެވެނީ، އެމަޢުލޫމާތު ކަމަށެވެ.

މިކަންކަމަށް ބެލުމުން ފުލުހުން ސައްޚަ ނޫން މަޢުލޫމާތެއް ކޯޓަށް ހުށަހަޅާފައިވަނީ ނޫން ކަމާއި، ޝަރީޢަތުގައި ފާހަގަކޮށްފައިވަނީ، އެހިނދަށް ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތައްކަން އެނގެއެވެ. އަދި، ދަށު ކޯޓުގެ ނިންމުމަށް ބަލާއިރު، އެކޯޓުން ގޮތް ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ވާޤިއާތައް ސުވާލު އުފެދިފައިވާ ވާޤިއާގެ ސަބަބުން ނަފީވެގެން ދާކަމުގައިވެސް ނުބެލެވޭކަމަށް އަމުރުގައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، މިހާރު ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކުން ނިޔާވި ފަރާތުން ސައިކަލު ދުއްވާފައިވަނީ ވަންވޭ އެއްގެ އިދިކޮޅަށް ކަމަށް އެނގޭ ކަމަށެވެ. އެހެންނަމަވެސް، މިވާޤިއާ 29 ކަށަވަރުކުރެވެން ނެތްއިރު، ސުޕްރީމް ކޯޓުގެ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައެޅިފައިވާ ޤަޟިއްޔާއާއި މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަދައިން އިސްތިއުނާފީ އުޞޫލަކީ ދަށު މަރުޙަލާގައި ހުށަނޭޅޭ ހެކި ޤަރީނާ ތަކުގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ކޯޓުން ގޮތް ނުނިންމޭ ކަމެވެ. ވާޤިއާއަށް ބަދަލެއް އައިސް ތުޙުމަތަށް ބަދަލެއް އައިކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ޤަބޫލުކުރެވޭނަމަ ބަންދު އަމުރު މުރާޖަޢާ ކުރުމުގައި އެނުކުތާ ފާހަގަކުރުމުގެ ފުރުސަތު އޮންނާނެ ކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގައި ނިންމުމުގައި ބުނެފައިވަނީ އިސްތިއުނާފުކޮށްފައިވާ ކޯޓު އަމުރު ބާތިލުކުރާނެ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

ވިސާމް ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމް ކުރެއްވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ހުޅުމާލޭ ކޯޓުގެ އަމުރު ބާތިލް ކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް