ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:31
އަހުމަދު ސަރީރު (ކ)
އަހުމަދު ސަރީރު (ކ)
ފޮރިން މިނިސްޓްރީ
ސަޢޫދީޢަރަބިއްޔާ އަށް ސަފީރަކު އައްޔަންކުރުން
ސަޢޫދީޢަރަބިއްޔާ އަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް، ސަރީރު ހަމަޖެއްސުމާއި މެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވައިފި
ސަރީރު މިހާރު ހުންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެޝިއާ ޑިރެކްޓަރެއްގެ ގޮތުގައި
ސަރީރު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި، ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަން ހިމެނޭ

ރާއްޖޭގެ ފަރާތުން ސަޢޫދީޢަރަބިއްޔާ އަށް ސަފީރަކު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއ،ި ޤާނޫނު ނަންބަރު 20/2021 ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ އާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުއްވާފައި ވަނީ އަންގާރަ ދުވަހުއެވެ.

އެކަމާއި ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީ މަޖިލީހުގައި ވަނީ އިއްވަވާދެއްވާފައެވެ. މ.ވެސްޓް ސައިޑް އަހުމަދު ސަރީރު އައްޔަންކުރުމަށް ގަސްތުކުރައްވާތީ އެކަމާއި މެދު މަޖިލީހުގައި މަޝްވަރާކޮށް ގޮތެއް އަންގަވާދެއްވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެޝިއާ ޑިރެކްޓަރެއްގެ ގޮތުގައި ރާއްޖޭގެ ފަރާތުން ހުންނެވި އަހުމަދު ސަރީރު އެ މަޤާމަށް އައްޔަންކުރުމާއި މެދު ގޮތެއް ނިންމުމަށް، މަޖިލީހުގެ 124 ވަނަ މާއްދާގެ (ވ)ގެ ދަށުން އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީ އަށް ވަނީ ފޮނުއްވާފައެވެ.

ސަރީރު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި، ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމު ފާހަގަކޮށްލެވެއެވެ. އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާއި ފޮރިން ސެކްރެޓަރީގެ މަޤާމް ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ހާރިޖީ ދާއިރާގައި އޭނާ ފުރުއްވާފައިވާ ބައެއް އެހެން މަގާމުތަކުގެ ތެރޭގައި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ 3 ވަނަ ސެކްރެޓަރީ ކަމުގެ މަގާމް ވެސް ހިމެނެއެވެ. އަދި އ.ދ. ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގެ 2 ވަނަ ސެކްރެޓަރީ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީ ކަމުގެ މަގާމް އޭނާ ވަނީ ފުރުއްވާފައެވެ. ހަމައެހެންމެ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފޮރިން ރިލޭޝަންސް ކަމުގެ މަގާމުގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް