ސަރުކާރުގެ ޚަރަދުތައް ކުޑަ ނުކޮށް ސަރުކާރުން ވިޔަފާރިވެރިންގެ ކަރުގައި ހިފަމުންދާ ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި މި މޭރުމުން ވާހަކަދައްކަވަމުން، ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ޚަރަދު ކުޑަނުކޮށް ޓެކްސްތައް ބޮޑުކުރަން ނިންމުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
މި އޮކްޓޯބަރު މަހު ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓްގައި ރާއްޖެއަށް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބުނެފައިވާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ މާލީ ނިޒާމް އިސްލާހް ކުރުމަށްޓަކައި ކުރި ކަމަކީ ކޮބާތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.
އެންމެ ބޮޑު ކަމަކަށް ވޯލްޑް ބޭންކު ރިޕޯޓްގައި ބުނަނީ ޚަރަދު ކުޑަކުރުން ކަމަށާއި އެކަން ރައީސް މުއިއޒު ކުރައްވައިފިތޯ ޑރ. ޖަމީލު ވަނީ ސުވާލު ކުރައްވާފައެވެ. ޖަމީލު ވިދާޅުވީ، ޑރ. މުއިއްޒު އެކަމެއް ނުކުރައްވާ ކަމަށާއި، އޭގެ ބަދަލުގައި "ކަރުގަ މި ހިފަނީ ހަމަ ގޮއްސާ ރާއްޖޭގައި ހުރި ބޮޑެތި ވިޔަފާރިތަކުގައި،" ކަމަށެވެ.
ޖަމީލު ވިދާޅުވީ ރާއްޖެއަށް ކިރިޔާވެސް ކަމެއް ކޮށްދޭން ތިބި ބައެއްގެ ކަރުގައި ހިފާ އެމީހުންގެ ޖީބަށް އަތް ބޭނީމާ، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކަށް ހައްލެއް ނުލިބޭނޭ ކަމަށެވެ.
ޑރ. ޖަމީލު ވަނީ ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ބޭކާރު އެތައް ބަޔަކު ތިބިކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ތަންތާގައި ސިޔާސީ ވަޒީފާތަކުގައި ތިބި އެތައް ބަޔަކު ގޭގައި ތިބެގެން މުސާރަ ނަގަމުންދާ ކަމަށެވެ.
"އަޅުގަނޑު ދަންނަ، ރާއްޖޭގެ އެކި ރަށްރަށުގައި، އެކި އަތޮޅު ތަކުގައި، އައްޑޫ، ފުވައްމުލައް އެކި ތަންތާނގަ ކުދިން ގޭގައި ތިބެގެން ބައްތިރީސް ހާސް، ސާޅީސް ހާސް ރުފިޔާގެ މުސާރަ ނަގާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާ އެކި ނަންނަމުގައި މީހުން އެބަތިބި،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވަނީ އެކަން އެގޮތައް ކުރަންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
ޖަމީލު ވިދާޅުވީ، ސަރުކާރުން މިކަން މިގޮތައް ކޮށްފައި ބުރަކޮށް މަސައްކަތް ކުރާ ވިޔަފާރިތަކަށް ސަރުކާރުން ގެންދަނީ "ރެއިޑް ކުރަމުން" ކަމަށެވެ.
ޖަމީލު ވިދާޅުވީ ބޭކާރު އެމްބަސީ ތަކާއި އެތަންތާނގައިވެސް ބޭކަރު އެތައް ބަޔަކު ވަޒީފާގައި ތިބި ކަމުގައެވެ.
"ވިޔަފާރިތައް ރެއިޑް ކުރަމުންދާ އިރު މި ޚަރަދުތައް ކުޑަކުރަނީ ކޮންއިރަކުހެއްޔޭ؟" ޖަމީލް އެއްސެވިއެވެ.
ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމް ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި މުރައިދޫގޭގެ ވަޒީފާތަކަށް ހަމަ ޖެއްސި މީހުންނަށް އިޝާރަތް ކުރައްވަމުން ޖަމީލު ވިދާޅުވީ، ނޫސްވެރިއަކާއި، ފުޓުބޯޅަ ކުޅުންތެރިޔަކާ މިޔުޒިކު ކުޅޭ މީހަކު ލުމަށް ފަހު "މިވަރަށް މިކަންކޮށްފައި ޓެކްސް މި ކުރަނީ ރާއްޖޭގަ ބުރަ މަސައްކަތް ކުރާ މީހާއަށް،" ކަމުގައި ޖަމީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގައުމަށް އިޚްލާސްތެރި ކަމުގައި ވާނަމަ އަބްދުއްރަހީމުގެ މުޅި އާއިލާ އާ، މުރައިދޫގޭގައި އެތިބަ ވަޒީފާ ތަކެއް ނުދޭނެ ކަމަށެވެ.
ޖަމީލް ފާހަގަ ކުރެއްވި ގޮތުގައި، ޑރ. މުއިއްޒު ޓެކްސް ބޮޑު ކުރައްވަނީ އިޚްލާސްތެރިކަމާއެކު ގައުމު ހަމަ މަގަށް އެޅުވުމުގެ ބަދަލުގައި މުއިއްޒުގެ އަމިއްލަ "ސިޔާސީ ނާޗަރަންގީ" އަށް ކަމަށެވެ. އެކަމުގެ ތަފްސީލް ދެއްވަމުން ޖަމީލު ވިދާޅުވީ، އެއްވެސް ވަޒީފާ އެއް މަދު ނުކޮށް "މިއަދުވެސް ޚަބަރު ލިބެނީ ތިރީސް ވަރަކަށް ނޫސް ވެރިން ރައީސް އޮފީސް ކައިރީގައި ހުރި ބިލްޑިންގ އެއް ހުސްކޮށްފަ އެތަނުގައި އެމީހުން ބައިތިބަން އުޅޭ." ކަމުގެ ވާހަކަތައް ކަމުގައެވެ.