ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:19
ރެއާލަށް ކުޅެމުން އަންނަ އައުރެލިން ޗުއަމެނީ
ރެއާލަށް ކުޅެމުން އަންނަ އައުރެލިން ޗުއަމެނީ
ރޮއިޓާސް
ރެއާލް މެޑްރިޑު
ރެއާލް ދޫކޮށްލުމުގެ ވިސްނުމެއް ޗުއެމެނީ ނުގެން ގުޅޭ
ޕްރިމިއާ ލީގުގެ ކުލަބަކަށް ނުވަތަ އެނޫން ވެސް ލީގެއްގެ ކުލަބަކަށް ބަދަލުވާން އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ އައުރެލިން ޗުއަމެނީ، އެ ކުލަބު ދޫކޮށްލުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. މޮނާކޯ ގައި ހުރުމަށްފަހު އޭނާ ރެއާލަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އޮތްއިރު، ޗުއަމެނީ ހޯދުމަށް ބައެއް ކުލަބުތަކުން މަސައްކަތް ކުރާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ޚާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރެއާލް ދޫކޮށްލަން ޗުއަމެނީ ބޭނުމެއް ނުވެ އެވެ. އެހެންކަމުން ޕްރިމިއާ ލީގުގެ ކުލަބަކަށް ނުވަތަ އެނޫން ވެސް ލީގެއްގެ ކުލަބަކަށް ބަދަލުވާން އޭނާގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޗުއަމެނީ ބޭނުން ވަނީ ރެއާލްގައި އޭނާގެ ކެރިއަރު ހޭދަކުރަން ކަމަށާއި، އެ ކުލަބާ އެކު އެންމެ ރަނގަޅު ހިސާބަކަށް ދާން އޭނާ ބޭނުންވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރެއާލްގައި މިހާރު ޗުއަމެނީ ހާދަކުރަމުން ދަނީ އޭނާގެ ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 99 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕާާ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް މިހާރު ޗުއަމެނީ ހިމެނޭނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް