މިހާތަނަށް މި ސަރުކާރުން ހަނިމާދޫގައި އެއްވެސް އާ ޕްރޮޖެކްޓެއް ކުރިއަށް ގެންދެވިފަ ނުވާ ކަމަށާ ހިނގަނީ ކުރީ ސަރުކާރުން ފެށި ކަންކަން އެކަނި ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަދައްކަވަމުން ހދ.ހަނިމާދޫގެ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ރަށުގައި އިތުރު އާ ކަންތައްތަކެއް ފަށާނެ ކަމަށް ހަނިމާދޫގެ ރައްޔިތުން އަބަދުވެސް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ކަންކަމުގެ ތެރޭގައި ހޮސްޕިޓަލްގެ ޚިދުމަތް ހިމެނޭ ކަމަށާއި މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށް އައި އިރު އެކަން އެގޮތަށް ނުހިނގާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހަނިމާދޫ އަކީ ކައިރި ރަށްރަށުގެ މީހުން ހިޖުރަކުރަން ބޭނުންވާ ރަށަކަށް ވުމާއި އެކު އެ ރަށުގައި ގޯތި ގެދޮރު އިތުރުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސް އެ ރަށުގައި ރޯހައުސް އަޅާ ދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގެ ބެލުމުގެ ދަށުން އެފަދަ މަސައްކަތް ހިނގާތަން ފެނިގެން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. ނިމިިދިޔަ ސަރުކާރުން ހަނިމާދޫގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުން ބޮޑު މަގުތައް ހަދާ ރަނގަޅު ފެންވަރުގެ ބަނދަރެއް ހެދިފައި ވަނީ. ހަނިމާދޫ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ އެންމެން ބޭނުންވާ ކަމެއް. ފަތުރުވެރިކަމަށް ބެލިޔަސް އެހެން ކަންކަމަށް ބެލިޔަސް.ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަން
އޭނާ ވަނީ މި ސަރުކާރުން އެ ރަށަށް ބޭނުންވާ ކަންކަން ކޮށް ނުދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުގެ ސްޕީޑް ރަނގަޅުކަމަށް އެ ރަށަށް ބަލާއިރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ހަނިމާދޫގެ ރައްޔިތުން އެދިފައިވާ އެއްވެސް ކަމެއް މި ސަރުކާރުން ނުފަށާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.