ހިރިމަރަދޫ ރައްޔިތުން 18 މަސް ދުވަސް ތެރޭ ހަނިމާދޫ އަށް ބަދަލުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން ހުސްވި އަހަރު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ހިރިމަރަދޫ އަށް ވަޑައިގެން 20 ދުވަސްތެރޭ އެރަށު ކައުންސިލް އިމާރާތުގެ މަސަައްކަތް ފައްޓަވަން ހަމަ ޖެއްސެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެ ދަތުރުފުޅުގައި ރަށުގެ ބަނދަރު ބޮޑު ކޮށްދެއްވުމަށް ކައުންސިލުން އެދުމާ ގުޅިގެން "ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން" އެކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އާދިއްތަ ދުވަހު މެންދުރު ފަހު އަށް ވަޑައިގެން ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގައި ހިރިމަރަދޫގެ ކޮންމެ ގޯއްޗަކަށް ގޯއްޗެއް ދެއްވާ އަދި ހަނިމާދޫ ގައި ގެއެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އަދި އޭގެ އިތުރުން ފައިސާގެ އެހީވެސް ހަމަ ޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނެ ކަމަށެވެ.
"ކުރިން ދޭ ފައިސާގެ ޢަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށޭނެ. ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އެންމެ މަދުވެހެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން.” މުއިއްޒު ވިދާޅުވިއެވެ.
މީހުން ބަދަލުކުރާއިރު އެ އެބައެއްގެ އުފަންރަށުގައި ސަރުކާރުން ކޮންމެ ކަމެއް ކުރި ނަމަވެސް، އެކުރާ ބޭނުމަކުން އެރަށުގެ ރައްޔިތުންނަށް މާލީ ނަފާކުރާނެ ގޮތަކަށް ސަރުކާރުގެ އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހިރިމަރަދޫ ރައްޔިތުންނަށް ވެސް އެގޮތަށް އިޤްތިސާދީ ފައިދާ ކުރާގޮތަށް ކަންކަން ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަނިމާދޫއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމަަށާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ ފްރޭމްވަރކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.