ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 10:59
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ޕޮލެންޑު ބަލިކޮށް ޕޯޗުގަލް އެއް ވަަނައިގައި
މޮޅާއެކު ޕޯޗުގަލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕް އެކެއްގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޕޯޗުގަލް އިން އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފަހު ހާފުގައި ޕޮލެންޑުން ލަނޑެއް ޖެހިއިރު، އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވެސް ވަނީ ލަނޑެއް ވަދެފަ އެވެ.

މެޗު ފަށައިގެން 26 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އެ ލަނޑު އޭނާ ޖެހީ ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ޕޮލެންޑުން ލަނޑެއް ޖެހި އެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. މެޗުގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑަކީ، 88 ވަނަ މިނެޓުގައި ޕޮލެންޑުގެ ޔެން ބެޑްނަރެކް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މޮޅާއެކު ޕޯޗުގަލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ލީގުގައި މި މަހުގެ 15 ވަނަ ދުވަހު ޕޯޗުގަލް ނިކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް