ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންގެ މައްޗަށް ކުރި ހޯދައި، ޕޯޗުގަލް އިން ދެ ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ޖަރުމަނުގެ މިއުނިކްގައި ހުންނަ އަލިއާންޒް އެރީނާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ޕޯޗުގަލް އިން ކާމިޔާބު ކުރީ ޕެނަލްޓީގައި ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ސްޕެއިން އިން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ނަގައިފަ އެވެ. ނަމަވެސް، ދެ ފަހަރު ވެސް ޕޯޗުގަލް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ސްޕެއިން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މާޓިން ޒުބިމެންޑީ އެވެ. އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނޫނޯ މެންޑޭސް އެވެ. އޭނާ އެ ލަނޑު ޖެހީ ޕެޑްރޯ ނެޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ސްޕެއިން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސްޕެއިން އަށް އެ ލަނޑު ޖަހައިދިނީ މިކޭލް އޮޔާޒަބާލް އެވެ.
ނަމަވެސް، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ޕޯޗުގަލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕޯޗުގަލް އަށް އެ ލަނޑު ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ގައި ޕޯޗުގަލް އިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ގޮންޒާލޯ ރާމޯސް، ވިޓީނިއާ، ބްރޫނޯ ފެނާންޑޭސް، މެންޑޭސް އަދި ރުބެން ނެވެސްގެ ޕެނަލްޓީ އެވެ.
ސްޕެއިން އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ މިކޭލް މެރީނޯ، އަލެކްސް ބައޭނާ އަދި އިސްކޯ އެވެ. އެ ޓީމުގެ އަލްވާރޯ މޮރާޓާގެ ޕެނަލްޓީ ޕޯޗުގަލްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ސްޕެއިން އަކީ 2023 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބު ކުރި ޤައުމެވެ. އޭގެ ފަހުން މިދިޔަ އަހަރު ޖަރުމަނުގައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ސްޕެއިން އިން ކާމިޔާބު ކުރިއިރު، ނޭޝަންސް ލީގުގައި ގިނަ ބަޔަކު ފޭވަރިޓުންގެ ގޮތުގައި ބެލި ޓީމަކީ ވެސް ސްޕެއިން އެވެ.
ޕޯޗުގަލް އިން ވަނީ މީގެ ކުރިން 2019 ވަނަ އަހަރު ވެސް ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެ ޤައުމަކީ ނޭޝަންސް ލީގު އެންމެ ފުރަތަމަ ކާމިޔާބު ކުރި ޓީމެވެ. އަދި މިއަހަރުގެ މުބާރާތް ކާމިޔާބު ކުރުމާއެކު، ޕޯޗުގަލް ވެފައި ވަނީ ދެ ފަހަރަށް ނޭޝަންސް ލީގު ކާމިޔާބު ކުރި ހަމައެކަނި ޤައުމަށެވެ.
މިއީ 2023 ވަނަ އަހަރު ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވި ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ. އަދި ރޮނާލްޑޯގެ ކެޕްޓަން ކަމުގައި ޕޯޗުގަލް އިން އުފުލާލި ތިން ވަނަ ތައްޓެވެ.