ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 10:58
މެޗުގައި ލަނޑު ޖެހުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ކްރޮއޭޝިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ފަހަތުން އަރައި ކްރޮއޭޝިއާ އިން ސްކޮޓްލެންޑު ބަލިކޮށްފި
މޮޅާއެކު ކްރޮއޭޝިއާ އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު އެކެއްގައި ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ސްކޮޓްލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ސްކޮޓްލެންޑަށް ލީޑު ނަގައިދިނީ ރަޔާން ކްރިސްޓޭ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ކްރޮއޭޝިއާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އިވާން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ އިގޯ މަޓަނޯވިޗް އެވެ. މެޗުން ކްރޮއޭޝިއާ މޮޅުވީ 70 ވަނަ މިނެޓުގައި އަންޑްރެޖް ކްރަމަރިޗް ޖެހި ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސްކޮޓްލެންޑުން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މޮޅާއެކު ކްރޮއޭޝިއާ އޮތީ މި ގުރޫޕުގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ދެން ކްރޮއޭޝިއާ ކުޅޭނީ މި މަަހުގެ 15 ވަނަ ދުވަހު ޕޮލެންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް