ކ. މާލެ
|
11 އޮކްޓޯބަރ 2024 | ހުކުރު 14:02
މަދަހަ މުބާރާތުން ވަނައެއް ލިބުނު ދަރިވަރަކަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އިނާމު ހަވާލު ކޮށްދެއްވަނީ
މަދަހަ މުބާރާތުން ވަނައެއް ލިބުނު ދަރިވަރަކަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އިނާމު ހަވާލު ކޮށްދެއްވަނީ
މާލެ ސިޓީ ކައުންސިލް
ޤުރުއާން އަދި މަދަހަ މުބާރާތް
ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބާއްވާނެ: މޭޔަރު އާޒިމް
ޤުރުއާން އުނގެނުމަކީ ދިވެހިންގެ އަގީދާއާއި އާދަ ކާދައިގައި ވެސް އެންމެ ބޮޑަށް ބިންވަޅު ނެގިފައިވާ އެއް އަސާސް
ދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދާކާދައަކީ، ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް

ކުރިއަށް އޮތް ރަމަޟާން މަހު ވެސް މާލެސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބާއްވާނެ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މިހެން ވިދާޅުވީ 1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން ބޭއްވުނު ޤުރުއާން އަދި މަދަހަ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.

ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުން ވަނަތައް ހާސިލް ކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، އާޒިމް ވިދާޅުވީ މި ފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދު ހާސިލްވާ ކަމުގެ އުފާ ކުރެވޭ ކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަހު ވެސް މި މުބާރާތް އޮންނާނެ ކަމަށެވެ. މި ފަދަ މުބާރާތްތައް މާލެސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވަނީ ހަމައެކަނި މާލެސިޓީ ކައުންސިލުގެ މެންޑޭޓްގެ ތެރޭގައި މި ފަދަ މުބާރާތްތައް ބޭއްވުން ހިމެނޭތީއެއް ނޫންކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި މުބާރާތްތައް ބޭއްވުމުގައި އެއަށް ވުރެ މާ މަތިވެރި މާ މާތް މަގުސަދެއް އެބައޮތް ކަމަށެވެ. އެއީ ދީނާލަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމުގައި، މާލެ ސިޓީ ކައުންސިލުން ވެސް ބައިވެރިވުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޤުރުއާން އުނގެނުމަކީ އެންމެ ގަދީމީ ޒާމާނުގައި ވެސް ދިވެހިންގެ އަގީދާއާއި އާދަ ކާދައިގައި ވެސް އެންމެ ބޮޑަށް ބިންވަޅު ނެގިފައިވާ އެއް އަސާސް ކަމަށާއި، ތައުލީމު އުނގެނޭނެ ވަސީލަތެއް ނެތުމުގެ ސަބަބުން،ތައުލީމު ފޯރުކޮށް ނުދެވުނުގަދީމީ ޒަމާނުގައި ވެސްދަރިންނަށް ގުރުއާން އުނގަންނައި ދިނުމަށް ބެލެނިވެރިން ވަރަށް ބޮޑަށް އިސްކަންދީފައިވާ ކަމަށެވެ. އަދި 1980 ގެ އަހަރުތަކުގެ ކުރީގައިއޮތޮޅުތެރޭގެ ރަށް ރަށުގައި ތައުލީމު އާއްމުކޮށް ފެތުރިގެން ނުދާއިރު ކޮންމެ ރަށެއްގައި ވެސް އެތައް އެދުރުގެ ހުރި ކަމަށާއި، އެ ތަންތަނުން މައިގަނޑު ގޮތެއް ގައި އުނގަންނައިދެނީ ގުރުއާންކަން އާޒިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިހާރު ޒަމާންބަދަލުވެ ދުނިޔެ ތަރައްގީ ވެފައިވީ ނަމަވެސް ދަރިންނަށް ޤުރުއާން އުނގަންނައި ދިނުމަށްބެލެނިވެރިންނާއި، ޓީޗަރުން ކުރަމުންދާ މަސައްކަތްތަކަށް އާޒިމް ވަނީ އަލިއަލުއްވާލައްވާފައެވެ.

ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ފަހު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޟަމް، ވާދޫ ދަންނަ ކަލޭގެ ފާނު މެދުވެރިކޮށް، ތަޢުލީމު ފެތުރުއްވުމަށް ފެއްޓެވި މަސައްކަތުގައި ވެސް، ތަޢުލީމު ބިނާވެފައި އޮތީ، ދީނީ ތަޢުލީމަށް. ޚާއްޞަކޮށް ކީރިތި ޤުރުއާން އުންގަންނައި ދެއްވުމަށް. އޭގެ ފަހުން މާލޭ ހުކުރު މިސްކިތު ދެކުނު ދޮރޯށީގައި، އިސްކަންދަރު ރަސްގެފާނު އުފެއްދެވި މަދަރުސާގެ ވެސް ތަޢުލީމު ބިނާވެފައިވަނީ ދީނީ ތަޢުލީމަށް. ޚާއްޞަކޮށް ކީރިތި ގުރުއާނަށް. އެހެންކަމުން ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރަކުން ވެސް އަދި އަމިއްލަ ވަކި ފަރުދުން ވެސް ތަޢުލީމުގެ އެންމެ މުހިއްމު މަސްދަރެއްކަމުގައި، ހުރިހާ ޒަމާނެއްގައި ވެސް ބަލަމުންއައީ ކިރިތި ގުރުއާން އުނގަންނައިދިނުން ކަން އެނގޭ.
މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ އިންސާނުން މުޖުތަމައެއްގެ ގޮތުގައި އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި އާދަކޮށް ކުރަމުން އަންނަ ކަންތައް ބަދަލު ވަނީ އާދަކާދައަށް ކަމަށާއި، އެ އާދަކާދަ އެއްވުމުން އުފެދެނީ ސަގާފަތެއް ކަމަށެވެ. އެހެންކަމުން އާދަކާދައާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ޒަމާނާ ގުޅިގެން ބަދަލު ގެންނަންޖެހޭ ނުވަތަ ދޫކޮށްލަން ޖެހޭ ކަންތައްތައް ކަމަށާއި، ނަމަވެސް ގަދީމީ ޒަމާނުއްސުރު ދިވެހިންގެ ތެރޭގައި އޮތްދެ ނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމުގެ އާދާކާދައަކީ ދިރުވައި އާލާކޮށް ދަމަހައްޓަން ޖެހޭ އާދަކާދައެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް