ކ. މާލެ
|
10 އޮކްޓޯބަރ 2024 | ބުރާސްފަތި 13:22
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
މިނިވަންކަމާއި ސިޔާދަތު
އިންޑިއާ ސިފައިންނާއެކު އަސްކަރީ އުޅަނދު ގެންނަން ދިން ހުއްދަ ދިނުމަށްފަހު ރައީސް ވިދާޅުވީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރެވޭނެ ކަމަށް
އިންޑިއާއިން ރާއްޖެއަށް އެހީތެރިވާނީ "ދިފާޢީ ޕްލެޓްފޯމްތަކާއި އެސެޓްތައް" ނުވަތަ އަސްކަރީ އުޅަނދުތައް ފޯރުކޮށްދިނުމުގައި
ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ޤައުމަކީ އިންޑިއާ
ކަނޑުގެ ސަރަހައްދު ނުވަތަ އިކޮނަމިކް ޒޯން ބެލެހެއްޓުމުގައި އިންޑިއާގެ އުޅަނދުތައް ހަރަކާތްތެރިވާނެ

ދިވެހިރާއްޖެއާ އެހެން ޤައުމުތަކާ އެކު ގުޅުންތައް ބާއްވަމުން ގެންދަވަނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްވާކަން ކަށަވަރުކުރެވޭ ގޮތަށް ކަމުގައި, އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމުގެ ވައުދާއެކު ވަޑައިގެން، އިތުރު ސިފައިންނާއި އަސްކަރީ އުޅަނދު ރާއްޖެއަށް ގެނަންނަން ހުއްދަ ދެއްވި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ ދިވެހި ޤައުމާ ރައްޔިތުން އިސްކުރުމުގެ ސިޔާސަތުކަމަށާ އެ ސިޔާސަތާ އެއްގޮތަށް އަދި ޤައުމަށް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކު ގާތްގުޅުން ބާއްވާނެކަމުގައެވެ. އަދި އެ ގާތްގުޅުން ބާއްވާއިރު ދިވެހިންގެ މިނިވަންކަމާ ސިޔާދަތާއި އިސްތިޤްލާލު ހިމާޔަތްކުރެވޭކަން އަބަދުވެސް ކަށަވަރު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އެކަމަށް އިސްކަންދިން އެއް ޤައުމަކީ އިންޑިއާކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް، ޒަމާންވީ އަދި އެތައް ގަރުނެއްގެތެރޭގައި އުފެދިފައިވާ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ އަހަރަކީ އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމުކުރިތާ ފަސްދޮޅަސް ވަނަ އަހަރުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ ފަސްދޮޅަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އިންޑިއާއިން އެހީތެރިވެފައިވާކަމީ އެންމެންނަށް އެނގޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ ހަޤީގަތް. އަޅުގަނޑުމެންނާއި އެންމެ ކައިރި ނެއިބަރ، އަވަށްޓެރިޔާ. އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަންކުރުމުގައި، ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެން ދިއުމަކީ، އަދި އަބަދުވެސް އެގޮތުގައި އޮތުމަކީ ރައްޔިތުންގެ ހައްޤުގައި، އަޅުގަނޑު އެ ދުވަހު އިޢުލާނުކުރި ސިޔާސަތުގެ ދަށުން ކުރިޔަށްދާނެ، މިކަން އޮންނަންވާނެ ގޮތް،
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މި ދަތުރުފުޅުގެ ކާމިޔާބީ މިނެކިރުއްވީ ކަނޑައެޅުއްވި މަގުސަދު ޙާސިލްވެފައިވާތީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހިރައްޔިތުންގެ ހައްޤުގައި، ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިއުމަކީ މުހިންމު ކާމިޔާބެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ރައީސް ދެއްކެވި އިރު އިންޑިއާއަށް މިހާރު ކުރައްވާ ރަަސްމީ ދަތުރުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރައްވައި، ދެބޭފުޅުން ކުރެއްވި މަޝްވަރާއަށް ފަހު، ނެރުނު ޖޮއިންޓް ޕްރެސް ރިލީސްއާއި އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވަނީ "ދިފާޢީ ޕްލެޓްފޯމްތަކާއި އެސެޓްތައް" ގާއިމުކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު އިންޑިއާއަށް ހުއްދަ ދެއްވާފައިވާ ކަމަށެވެ.

އިންޑިއާއިން އެެހީތެރިކަން ފޯރުކޮށްދެނީ، ދިވެހި ޤައުމީ ދިފާޢީ ބާރުގެ (އެމްއެންޑީއެފް) ގެ މޮނިޓަރިންގ އަދި ސަރވެއިލަންސް ޤާބިލިއްޔަތު އިތުރުކުރުމަށް "ރާޑާރ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް" ފޯރުކޮށްދިނުމުގައެވެ.

މުޢިއްޒު ނިއު ދިއްލީގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވިއިރު، އިޤްތިޞާދީ ހީނަރުކަމާއި ކުރިމަތިވެފައިވާ ދަރަނީގެ ޑިފޯލްޓުން އަރައިގަތުމަށް އެހީތެރިވުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުން ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕްއަކަށް ބަދަލުކުރުމަށެވެ. އަދި ދިވެހިރާއްޖޭގެ ފުޅާ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ކަނޑުގެ ސަލާމަތަށް ކުރިމަތިވާ އާންމު އަދި އާދަޔާ ޚިލާފު ގޮންޖެހުންތަކުން ރައްކާތެރިކުރުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ދެ ފަރާތުން އެއްބަސްވެ އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

މޯދީ ވިދާޅުވީ އެމަނިކުފާނާއި، މުޢިއްޒު ދިފާޢީ އަދި ސަލާމަތީ އެއްބާރުލުމުގެ އެކި ދާއިރާތަކާ ބެހޭގޮތުން ފުޅާ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިންޑިއާއިން ރާއްޖެއަށް އެހީތެރިވާނީ "ދިފާޢީ ޕްލެޓްފޯމްތަކާއި އެސެޓްތައް" ނުވަތަ އަސްކަރީ އުޅަނދުތައް ފޯރުކޮށްދިނުމުގައި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އަދި ދިވެހި ސަރުކާރުގެ ޤާބިލިއްޔަތު އިތުރުކުރުމަށް، ކަނޑުގެ ސަލާމަތާއި ސެކިއުރިޓީ ބޭނުންތަކަށް، ޤައުމީ އިސްކަންދޭ ކަންކަމާ އެއްގޮތަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް