ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 12:41
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މަތިބަރު ސަރުކާރު
މި ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އިހުލާސްތެރި މަސައްކަތެއް ނުކުރޭ، އަދިވެސް ދަނީ މަތި ބަރުކުރަމުން: ޑރ. ޑީޑީ
މި ސަރުކާރުން ދަނީ ސިޔާސީ މަގާމުތައް އިތުރު ކުރަމުން
މި ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑު
ސަރުކާރުގެ ކުންފުނިތަކުން މަސައްކަތް ވެސް ކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް

މި ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އިހުލާސްތެރި މަސައްކަތްތަކެއް ނުކުރާ ކަމަށާއި، އަދިވެސް ދަނީ ސަރުކާރުގެ މަތި ބަރުކުރަމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ.ޑީޑީ ވިދާޅުވީ އާމްދަނީ ދަށްވެ، ސަރުޚާރުގެ ހަރަދު ބޮޑުވެފައިވާކަން މިސަރުކާރުގެ ބޭފުޅުން ގަބޫލުކުރާ ކަމަށެވެ. ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށާއި، ނަމަވެސް އެއާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންނަށް ގަރުދިޔައާއި ބަތް ކެއުމަށް އެންގުމަށްފަހު، މި ސަރުކާރުން ދަނީ ސިޔާސީ މަގާމުތައް އިތުރު ކުރަމުންދާ ކަމަށާއި، އެންމެފަހުން ފަހުން ލިބުނު މައުލޫމާތަށް ބަލާއިރު، 2500ށް ވުރެ ސިޔާސީ މަގާމުތައް އިތުރު ކަމަށެވެ. އަދި އާދައިގެ ވަޒީފާތަކުން ރައްޔިތުން ވަކި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ މަތިބަރުކުރާ ސަރުކާރެއްކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގައި މިސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށެވެ. މި ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑު ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޑީޑީ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން މަސައްކަތް ވެސް ކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ.

ދެން އަނެއްކާ ސިޔާސީ މަގާމުތަކަށް ވެރިކަމަށް ވަޑައިގެންނެވިއިރުގައި ވެސް ވައުދުވެވަޑައިގެންނެވި 700ށް ވުރެ ގިނަ މަތި ނުކުރައްވާނެ ކަމަށް. މިއަދު އަޅުގަނޑުމެންނަށް ނޭނގޭ ކިތައް ހާސްކަމެއް ވެސް. އަޅުގަނޑަށް އެންމެފަހުން މައުލޫމާތު ލިބުނުއިރު 2500ށް ވުރެ މައްޗަށް ހިނގައްޖެ. އަދި އެއަދަދު ސިޔާސީ މަގާމުތަކުގެ މައުލޫމާތު މީޑީއާތަކަށް ހާމަ ނުކުރާތީ އަޅުގަނޑުމެން އެއްވެސް ބަޔަކަށް އޭނގެ ހަގީގީ މައުލޫމާތު ނުވެސް އެނގޭ. 3000 ކަމެއް 4000 ކަމެއް ނުވެސް އެނގޭ. އެހެންވީމަ ސަރުކާރު އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް ނެތް. ހަރަދު ކުޑަ ކުރާ ވާހަކަ ދައްކަވަނީ. އެކަމަކު ސަރުކާރު ކުރައްވާ ކަންތައްތައް މިދަނީ ހަރަދުތައް އިންތިހާއަށް ބޮޑު ކުރަމުން. އަނެއްކޮޅުން ސަރުކާރުގެ ކުންފުނިތަކުގެ އެކިއެކި ކޮރަޕްޝަނަށް މަގުފަހިވާ ކަހަލަ އެކިއެކި މުއާމަލާތްތައް ހިންގަމުންދާ ކަމަށް ވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަމުން އެބަ ދޭ. މިދޭތެރެއިން ތިނަދޫއަށް ފެން ޕްލާންޓެއް ވެސް އެގެނައީ އެތައް ގުނައެއް ބޮޑުކޮށް އެބޭފުޅުންނަށް ކުއްލިއަކަށް ބޭނުންވާ އެއްޗެއް ވީމަ ގެނައީ ކަމަށް ހަދާފައި އެމުއާމަލާތް ވެސް ހިންގާފައި އޮތީ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ

ޑރ.ޑީޑީ ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން ދައްކާ ވާހަކަތަކާއި، އަމަލުތަކާ ދިމާނުވާ ކަމަށެވެ. އަދި ނިކަމެތި ކުރަމުންދަނީ ރައްޔިތުން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް