ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 17:59
ތަސްލީމް މުޙައްމަދު އަދި އޭނާ ދަތުރުދިޔަ ފިނޮޅު
ތަސްލީމް މުޙައްމަދު އަދި އޭނާ ދަތުރުދިޔަ ފިނޮޅު
ރާއްޖެއެމްވީ
ތަސްލީމް ގެއްލުނު ހާދިސާ
ތަސްލީމު ހޯދަން ޔެލޯ ނޯޓިސް އޮތީ ނެރެފައި، އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން
ދަތުރު ގޮސްފައިވާ ފިނޮޅުގެ ސަރަހައްދުތައް ދަނީ ހޯދަމުން
މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އެހީތެރިކަން ލިބޭ
43 އަހަރުގެ ތަސްލީމް ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 30 އޯގަސްޓް 2024 ގައި

މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މއ. އަސަރީ ހަނދާން، މުހައްމަދު ތަސްލީމް ހޯދުމަށް މިދިޔަ މަހު 12 ވަނަ ދުވަހު އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ ތަސްލީމް ގެއްލުނު މައްސަލާގައި ޔެލޯ ނޯޓިސް ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލްއިން ނެރިފައިވާ ކަމަށެވެ.

އިންޓާޕޯލް މެދުވެރިކޮށް ޕަބްލިޝް ކުރާ ނޯޓިސްތަކަކީ އިންޓާޕޯލް މެންބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝް ކުރާ ނޯޓިސް އެއް ކަމަށެވެ. އަދި މި ގޮތަށް ޕަބްލިޝް ކުރާ ކޮންމެ ނޯޓިސް އަކީ އާއްމުންނަށް ފެންނަ ގޮތަށް އިންޓާޕޯލްގެ ވެބްސައިޓްގައި ޕަބްލިޝް ކުރާ ނޯޓިސްއެއް ނޫން ކަމަށެވެ.

ރާއްޖެއެމްވީއަށް ފުލުހުން ބުނީ ތަސްލީމް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، ދަތުރު ގޮސްފައިވާ ފިނޮޅުގެ ސަރަހައްދުތައް ހޯދަމުންދާ ކަމަށެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ އެހީތެރިކަން ލިބޭކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ތަސްލީމް ގެއްލުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ޖިނާއީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ތަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ މެރިޓައިމް ސަރޗް އެންޑް ރެސްކިއު އިންސިޑެންޓެއްގެ ގޮތުގައި އެ ހާދިސާ ކަނޑައަޅާފައިނުވެއެވެ.

43 އަހަރުގެ ތަސްލީމް ގެއްލިގެން ރިޕޯޓުކޮށްފައިވަނީ 30 އޯގަސްޓް 2024 ގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އެންމެފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަސްލީމް ދަތުރުދިޔަ ފަސްގަނޑުން ފެނިފައިވަނީ 30 އޯގަސްޓް 2024 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައި ކަމަށާއި، އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހުގެ 10:00 އާ 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން ހޯދުމުން ފެނިފައިނުވާތީ އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް ދަތުރުގެ ބައިވެރިން އޭނާގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ. އަދި އާއިލާއިން އޭނާ މާލެ ނާންނަކަމަށް ބުނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ތަސްލީމްއާއެކު ދަތުރުދިޔަ މީހުންނާއި، އެފަސްގަނޑުގައި ދަތުރުގޮސްފައި ތިބި އިތުރު 12 މީހުންނާވެސް ތަހުގީގަށް ސުވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް